ކުޅިވަރު

ޤައުމީ ބެޑްމިންޓަން ޓީމާއިމެދު އިތުބާރު ބޮޑުކަމަށް ދެކޯޗުންވެސް ބުނެފި


ފަރިތަކުރުންތަކާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި ޓީމާއިމެދު އިތުބާރު އެބައޮތްކަމަށް ގައުމީ ބެޑްމިންޓަން ފިރިހެން އަދި އަންހެން ޓީމުގެ ދެކޯޗުންވެސް ބުނެފިއެވެ.

މޮރީޝަސް ބެޑްމިންޓަން ސީރީސްއަށް ގައުމީ ޓީމް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ގައުމީ އަންހެން ޓީމުގެ ކޯޗް ނިޝާންތަ ބުނީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޓީމު ކަނޑައަޅާފައިވާ އަމާޒަށް ވާސިލް ވެވޭވަރަށް ފަރިތަކުރުންތަށް ކުރިއަށް ގެންދެވޭ ކަމަށާއި، އަމާޒަށް ވާސިލް ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ނިޝާންތަ ބުނީ ފަރިތަކުރުންތަށް ރޯދަމަހާއި ދިމާވުމުން ޚާއްސަ ޕްލޭނެއް އެކުލަވާލި ކަމަށާއި ރޯދަމަހުގެ ތެރޭގައިވެސް ހިތްހަމަ ޖެހޭވަރަށް ފަރިތަކުރުންތަށް ކުރިއަށް ގެންދެވުނު ކަމަށެވެ.

އަދި މޮރީޝަސް ސީރީސްއިން ގިނަ މެޗުތަކެއް ކާމިޔާބުކޮށް، އައިއޯއައިޖީއަށް ދިއުމުގެ ކުރިން އިތުބާރު ބޮޑުކުރުން މުހިންމު ކަމަށްވެސް ކޯޗް ބުންޏެވެ.

ނިޝާންތަ ބުނީ މޮރީޝަސް ސީރީޒްގައި ބޮޑަށް މަސައްކަތް ކުރާނީ، އިދިކޮޅުން ވާދަކުރާ ކުޅުންތެރިންނަކީ، އައިއޯއައިޖީގައިވެސް ރާއްޖެއާއި ވާދަކުރާނެ ކުޅުންތެރިންނަށް ވުމުން، އެކުޅުންތެރިންގެ ކުޅުން ބަލައި އެނަލައިސް ކުރުމުގެ އިތުރުން، މުބާރާތް ކުޅޭ ގައުމަކީ މޮރީޝަސް ކަމަށް ވުމުން، ގޭމްސްގެ ކުރިން މާހައުލަށް ކުޅުންތެރިން ހޭނުމަށް ކަމަށެވެ.

ނިޝާންތަ ބުނީ މޮރީޝަސް ސީރީޒްގެ ސަބަބުން ގޭމްސްއަށް ކުރިމަތިލުމުގެ ކުރިން ޓެކްނިކަލް ގޮތުން ވަރަށް ބޮޑު ފައިދާއެއް ޓީމަށް ކުރާނެކަމަށެވެ.

"އައިއޯއައިޖީއަށް ޓީމް އަންނަނީ ވަރަށް ބުރަކޮށް ތައްޔާރުވަމުން، ދެން ރޯދަ މަހާއި ދިމާވުމުން ޚާއްސަ ޕްލޭނެއް އެކުލަވާލިން، އެއާއި އެއްގޮތަށް ހުރިހާ ކުޅުންތެރިންވެސް ފަރިތަކުރުންތަށް ކުރިއަށް ގެންދިޔަ، ވަރަށް ހިތްހަމަ ޖެހޭ ފަރިތަކުރުންތަށް ދިޔަ ގޮތާއިމެދު" ނިޝާންތަ ބުންޏެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗް ޢަބްދުﷲ ބުނީ، އައިއޯއައިޖީގައި ރަން މެޑަލް ހޯދޭނެ ފެންވަރު ރާއްޖެ ޓީމުގައި އެބަހުރި ކަމަށާއި، ޓީމް އޮތީ މިހާރުވެސް ވަރަށް ފޯމުގައި ކަމަށެވެ.

އޭނާ ބުނީ މޮރީޝަސް ސީރީސްއަށްފަހު ޓީމް އަލުން ގޭމްސްއަށް ކުރިމަތިލާނީ މާލޭގައި ޚާއްސަ ފަރިތަކުރުންތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށާއި، ސީރީސްއަށްފަހު ޓީމު އިތުރަށް ރަނގަޅު ކުރަންވީ ކަންތައްތައް ބަލައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އައިއޯއައިޖީއިން ގޯލްޑް މެޑަލް ގެނެވޭނެ ފެންވަރު ޓީމުގައި އެބަހުރި، ފަރިތަކުރުންތައްވެސް ވަރަށް ރަނގަޅަށް ދަނީ، ދެން މޮރީޝަސް ސީރީސް އަކީވެސް ލިބޭ ވަރަށް ބޮޑު ޕަލްސް ޕޮއިންޓެއް، ތެކްނިކަލް ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ގޭމްސްގެ ކުރިން ސީރީސްގައި ވާދަކޮށްލެވުމުން" ކޯޗު ބުންޏެވެ.

އައިއޯއައިޖީގައި މިފަހަރު ގައުމީ ބެޑްމިންޓަން ޓީމް އަމާޒު ހިފާފައިވަނީ ރަން މެޑަލްއަށެވެ.