ކުޅިވަރު

ކްލަބް ލައިސެންސް ހޯދުމުގެ މަސައްކަތް މުއްދަތު ހަމަވުމުގެ ކުރިން ނިންމާލެވޭ - ވިކްޓްރީ


ކްލަބް ލައިސެންސް ހޯދުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ ލިއެކިއުންތަކެއް ފުރިހަމަކޮށް ނިންމާލެވޭނެކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ބުނެފިއެވެ.

ކުލަބްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެފްއޭއެމްއިން ވަނީ މިއަހަރުގެ ލީގްގައި ވާދަކުރެވޭނީ އޭއެފްސީ ކުލަބް ލައިސެންސްގެ މިންގަނޑަށް ފެތޭ އަދި ކުލަބް ލައިސަންސް ލިބޭ ޓީމްތަކަށް އެކަނިކަމަށް ބުނެފައެވެ.

ކުލަބް ލައިސަންސް ހޯދުމަށް އެފްއޭއެމްއިން ދިން ފުރުސަތު ހަމަވާނީ މިއަދު މެންދުރު 2 ޖަހާއިރުއެވެ.

ކުލަބް ލައިސަންސް ހޯދުމަށް ޓީމްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ މުސާރައިގެ މައްސަލައެވެ.

ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވީ 2016 ވަނަ އަހަރު ވިކްޓްރީއަށް ކުޅުނު ޖަޕާން މިޑްފީލްޑަރު ޝިމޯނޯ އަށް ދޭން ޖެހޭ ފައިސާ މިހާރު ދީނިމިފައިވާކަމަށާއި މިދިޔަ ސީޒަނުގެ މުސާރަ ނުލިބިގެން އެފްއޭއެމް އަށް ސިޓީ ލާފައިވާ 10 ކުޅުންތެރިންނާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައިގެ 50 އިންސައްތަ މިހާރު 7 ކުޅުންތެރިއަކަށް ދީފައިވާކަމަށާއި ހަމައެކުޅުންތެރިންނަށް އިތުރު ދެ މަހުގެ ޗެކެއްވެސް ދީފައިވާކަން ނާޝް ފާހަގަކުރެއްވިއެވެ. އަދި ބާކީ 3 ކުޅުންތެރިން ރަށުގައި ނެތުމުން އެކުޅުންތެރިންނަށް މުސާރަ ނުދެވިފައިވާކަމަށާއި ނަމަވެސް އެކުޅުންތެރިނާއެކުވެސް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

މި 10 ކުޅުންތެރިންނާއެކު އެއްބަސްވުމަށް އާދެވުމާއި އެކު މިހާރުވާނީ އޭއެފްސީގެ ޕޯޓަލްއަށް އޭއެފްސީ ލައިސަންސް ހޯދުމަށް ބޭނުންވާ ލިއެކިއުންތަށް އަޕްލޯޑް ކުރަން ފަށާފަކަމަށްވެސް ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވިއެވެ.

ކުލަބްތަކަށް ޔޫތް މިނިސްޓްރީން ދޭންބުނި ފައިސާގެ އެހީގެ ކަންތަށްތަށް މިހާރު ހަމަޖެހި، އެފައިސާ މިހާރު ލިބިފައިވާކަމަށާއި ނަމަވެސް އެފްއޭއެމްއިން ދޭންބުނި ފައިސާގެ އެހީ ނުލިބޭކަންވެސް ވިކްޓްރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވަނީ ފާހަގަކުރައްވާފައެވެ.