ސިއްހަތު

އޮކްޓޯބަރުގެ ކުރިން ގްރޭޑް 7 ގެ ހުރިހާ ދަރިވަރުން ސްކްރީނުކުރާނީ


ފުރާވަރުގެ ކުދިންގެ ހެލްތް ސްކްރީނިންގް
ޕްރޮގްރާމްގެ ދަށުން، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުންދާ
ދަރިވަރުން ސްކްރީން ކުރެވިގެންދިޔުން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ފަށާފައިވާ ފުރާވަރު
ކުދިންގެ ހެލްތް ސްކްރީނިންގ ޕްރޮގްރާމާއި ގުޅޭގޮތުން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި
ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އައިޝަތު ރަމީލާ
ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ
ސްކޫލުތަކުގައި ގްރޭޑް ހަތެއްގައި ހިމެނޭ ދަރިވަރުންގެ ޝެޑިއުލެއް ތައްޔާރު
ކުރެވި، އެ ޝެޑިއުލާ އެއްގޮތަށް ސްކްރީން ކުރުމުގެ މަސައްކަތްތައް މިހާރު
ފަށާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް އެވްރެޖްކޮށް ސްކޫލަކަށް
ހަތަރު ދުވަސް ހޭދަވާނެކަމަށާއި، ދެން އެންމެ އަވަހަށް މި ޕްރޮގްރާމް ހިންގުމަށް
ހަމަޖެހިފައިވަނީ ކަލާފާން ސްކޫލުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ކަމަށް ޑރ.
ރަމިލާ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހުސެއިން ރަޝީދު ވިދާޅުވީ،
މި ޕްރޮގްރާމް ސްކޫލުތަކުގައި ހިންގަމުންދާނީ ބެލެނިވެރިންގެ ބައިވެރިވުމާއިއެކު،
އެންމެ ފުރިހަމަ މައުލޫމާތު އެފަރާތްތަކަށްދީ، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން
ބެލެނިވެރިންގެ ހާޒިރުގައި ކުރާ ގޮތައްކަމަށެވެ. އަދި ހެލްތް ސްކްރީނިންގެ
ތެރެއިން ފޯރުކޮށްދެވޭ މައުލޫމާތުގެ ސިއްރުކަން އެ މިނިސްޓްރީން ކަށަވަރުކޮށްދޭ
ކަމަށާއި، މިކަމިގައި ބެލެނިވެރިންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް
އޭނާ ވިދާޅުވިއެވެ.ސަރުކާރުގެ ސިއްޚީ ވައުދުތަކުގެ ތެރޭގައި
ހިމެނިގެން ކުރިއަށް ގެންދާ ހެލްތް ސްކްރީނިންގް ޕްރޮގްރާމްއަކީ، ފުރާވަރު ކުދިންގެ ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކޮށް،
ފުރާވަރު ކުދިންގެ ސިއްޙީ ހާލަތު ދެނެގަނެ، އެކުދިންނަށް ދުރާލާ އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގެ މަޤުސަދުގައި ހިންގާ ޕްރޮގްރާމެއްކަމަށެވެ. ގްރޭޑް
ހަތެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް
ގެންދާ މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.