ޚަބަރު

ދިއްދޫ ފުޓްސަލް މުބާރާތުގައި ހަމަނުޖެހުން އުފެދި ދަނޑު ހަލާކުކޮށްލައިފި


ދިއްދޫ ކައުންސިލްގެ 3ވަނަ ފިތުރު ޢީދު ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވަނީ ހަމަނުޖެހުން އުފެދި ކުޅުން ހުއްޓާލާފައެވެ. މިމެޗުގައި ބައްދަލުކުރީ ޓީމް ވަންތަޅާ އާއި ބްލެކް ޒީނޯއެވެ.

ހަމަނުޖެހުން އުފެދެން ދިމާވީ މެޗުގެ ތެރެއިން ވަންތަޅާ ޖެހި ގޯލްއަކާއި އެދު ރެފްރީންގެ ހިޔާލުތަފާތުވުން އުފެދުމާ ގުޅިގެންނެވެ. ރެފްރީންގެ މިނިންމުމާ ގުޅިގެން ކުޅުންތެރިން ހޫނުވެ ތަޅާފޮޅުން ހިންގާ އޮފިޝަލުން ތިބޭ ސަރަޙައްދުގައި ބަހައްޓާފައިހުރި ގޮނޑިތަކަށް ގެއްލުންދީ ދަނޑު މައްޗަށްވަނީ އުކާފައެވެ. އަދި މީގެ އިތުރުން ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަދެ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓުތައް ވަނީ ނަގައި އުކާލާފައެވެ.

ހަމަނުޖެހުން އުފެދި ކުޅިވަރުގެ ރޫޙާ ހިލާފަށް ކުޅުންތެރިންގެ ޢަމަލު ހުރުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ރަތްކާޑުވެސް ވަނީ ދައްކާފައެވެ.

މިހަމަޖެހުން ރޫޅާލެވިފައިވަނީ ދިއްދޫ ޕޮލިހުންގެ އެހީތެރިކަމާއެކުގައެވެ.