އުސޫލު މުރާޖަޢާކޮށް ދަރިވަރުންގެ ލޯނަށް އެދުމުގެ ފުރުޞަތު މާދަމާ އަލުން ހުޅުވާލާއިރު، ކުރިއާ ޚިލާފަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕަކަށްވެސް އެދި ހުށަހެޅޭނެކކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މަތީ ތަޢުލީމުގެ ލޯނަށް އެންމެފަހުން ހުށަހެޅި ފުރުސަތުގައި ހަޔަރ އެޑިއެކޭޝަނުން ކުރިން ކަނޑައަޅާފައިވާ ޤައުމުތަށް ނޫން ޤައުމުތަކަށް ސްކޮލަޝިޕް ލޯނަށް ކުރިމަތިލާފައިވުމުން 192 ދަރިވަރެއްގެ ލޯން އެޕްލިކޭޝަން ވަނީ ބާޠިލުކޮށްފައެވެ.
މަތީ ތަޢުލީމުގެ ލޯނަށް އެދި ހުށަހެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކުގެ މަޢުލޫމާތު ހާމަކުރައްވައި ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ލޯނު ހަމަނުޖެހޭ ފަރަތްތަކަށް، އެކަން ހަމަނުޖެހުނު ސަބަބުތަކުގެ ތަފްސީލް އެމިނިސްޓްރީއިން މިހާރު ހާމަކުރައްވަމުން ދާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މިނިސްޓްރީން ހުޅުވާލާ ފުރުސަތުތަކުގައި މިފަދަ ކަންކަން މަދުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން ސައްޙަ ލިޔެކިޔުންތަށް ހުށަހެޅުމާއި އެޕްލިކޭޝްންގެ ކަރުދާސްތަކުގައި ހަމަކުރަންޖެހޭ ތައްގަނޑުތަކާއި ހުއްދަތަށް ހަމަކުރުމުގެ މުހިންމުކަމުގެމައްޗަށް ދަރިވަރުން އަހުލުވެރިކުރުވުމަށް މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އުސޫލު މުރާޖައާކޮށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާއިރު، ކުރިއާ ޚިލާފަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕްއަކަށް އެދި ލޯނު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް %100 ލޯނު ކަވަރުކުރާނީ އެމިނިސްޓްރީން ކަނޑައަޅުއްވާ ޤައުމުތަކުން އެކަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރަން ނިންމެވީ އެމިނިސްޓްރީން އިއުލާނުކުރި ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުގެ ސްކޮލަޝިޕްތަަކަށް ގިނަ ޢަދަދެއްގެ ދަރިވަރުން ކުރިމަތިލައި އެކުދިންގެ އެޕްލިކޭޝަން މިދިޔަ ފަހަރު ބާތިލުވުމުން އެކަން ޙައްލުކުރެއްވުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ވަރަށް މުހިންމުކަމެއް ފާހަގަކޮއްލަންޖެހޭ. އެއީ މާދަމާ ހުޅުވާލާ ފުރުސަތުގައި، ކުރިއާ ޚިލާފަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕްއަކަށްވެސް ލޯނު ދޫކުރުމަށް ހަމަޖެހިފައިވޭ. އެހެންނަމަވެސް %100 ލޯނު ލިބޭނީ ކުރިން އިއުލާނުގައިވާ ޤައުމުތަކުގައި. މިގޮތަށް ނިންމީ މިނިސްޓްރީއިން އިއުލާން ކުރި ޤައުމުތަށް ފިޔަވާ އެހެން ޤައުމުތަކުގެ ސްކޮލަޝިޕްތަަކަށް ގިނަ އަދަދެއްގެ ކުދިން ކުރިމަތިލާ އެކުދިންގެ އެޕްލިކޭޝަން މިދިޔަ ފަހަރު ބާތިލުވުމުން އެކަމުން އެއްކިބާވުމަށް. އެގޮތުން ކުރިންފަހަރު މި މައްސަލާގައި 192 ކުއްޖެއްގެ ލޯން އެޕްލިކޭޝަން ވަނީ ބާޠިލުކޮށްފައި." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ކުރައްވާފައިވާ އިއުލާނުގައި ވާގޮތުން އޭރު ސްކޮލަޝިޕް ލޯނު ދޫކޮށްފައިވަނީ ސާރކް ޤައުމުތަކާއި، ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިއާ، ޔޫކްރެއިން، ރަޝިޔާ، ކިރިގިސްތާން، ޗެކްރިޕަބްލިކް އަދި އަޒަރްބައިޖާންއަށް އެކަންޏެވެ.
މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސްކީމުގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ލޯނަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 79 ފަރާތަކަށް ލޯނު ހަމަޖެހިފައިވާތީ މިހާރު ބާކީ ހުރީ 163 ޖާގަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި 163 ޖާގައަށް ދަރިވަރުން ހޮވާނީ އަލުން ހުޅުވާލާ ފުރުޞަތަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިންކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.