ވިޔަފާރި

2 ވަނަ ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ފަށައިފި


2 ވަނަ ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ފަށައިފިއެވެ.

ޗައިނާގެ ކުންމިންގައި ކުރިއަށްދާ މިފޯރަމަކީ ޗައިނާއާއި ސައުތު އޭޝީޔާ ޤައުމުތަކުގެ ގުޅުން ބަދަހިކޮށް ވިޔަފާރީގެ ފުރުސަތުތަކާއިމެދު މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފްއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފް ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. މިއީ މުހިންމު ފޯރަމެއްކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، މި ފޯރަމްގެ ސަބަބުން އެއް ޤައުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަނެއް ޤައުމުގެ ޙިޔާލު ލިބިގެންދާކަމަށެވެ. މީގެ އިތުރުން މިފޯރަމްގެ ސަަބަބުން ލިބޭ ފުރުސަތުތައްވެސް އިތުރުވެގެންދާކަން ފާހަގަކުރައްވާ އަޙްމަދު ޝަރީފް ވިދާޅުވީ، މި ފޯރަމް މިއަށްވުރެ ގާތްގާތުގައި ބޭއްވުމަކީ މުހިންމުކަމެއްކަމަށެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ޝަރީފް ވިދާޅުވީ، މި ފޯރަމްގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އޭގެތެރޭގައި ސަރަހައްދުގެ އެހެން ޤައުމުތަކާއިއެކު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މިއީ މި ފޯރަމް ބާއްވާ 2 ވަނަ ފަހަރުކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، 2 ފޯރަމްގެ ދެމެދުގައިވެސް ގިނަ ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެކަމަށެވެ.

"2 ހަފްލާ ދެމެދުގައިވެސް އައިސްފައިވާ ކުރިއެރުންތައް ފުދޭވަރަކަށް ފުޅާ. އަޅުގަނޑަށް ހީވަނީ މި ފޯރަމް ކުރިއަށްއޮތް ތަނުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެއޭ އަދި މި ބޭފުޅުންވެސް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ. އަޅުގަނޑުމެންވެސް މީގެތެރޭގައި ވިޔަފާރީގެ ގުޅުންތައް ޤާއިމްކުރެވިގެން އަޅުގަނޑުމެންގެ ވިޔަފާރިވެރިންނަށްވެސް ކަންކަން ފަހިވެގެން ދިއުމަކީ އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންނަށް ނެގެންއޮތް ފުރުސަތެއް." ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މި ފޯރަމްގައި ޝައުތު އޭޝިޔާގެ ގިނަ ޤައުމުތަކަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަފްޤާނިސްތާން، ބަނގްލަދޭޝް، އިންޑިއާ، މިއަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

މި ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށެވެ. މި ފޯރަމްގައި ސައުތު އޭޝިޔާގެ ޤައުމުތަކުން 500 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެއެވެ. މި ފޯރަމާއި ގުޅުވައިގެން އެކްސްޕޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.