ޚަބަރު

ގަދަވަޔާއި އެކު އައި ކޮޅިގަނޑެއްގައި ކުޅުދުއްފުށި ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެ


ގަދަވަޔާއި އެކު އައި ކޮޅިގަނޑެއްގައި ހދ. ކުޅުދުއްފުށީގެ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ކުޅުދުއްފުއްޓަށް އައި މި ކޮޅިގަނޑުގައި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓުމުގެ ސަބަބުން އެގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި އިތުރު ގެއެއްގެ ފުރާޅު ވަނީ މި ކޮޅިގަނޑުގައި އެއްލާލައިފައެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ މި ކޮޅިގަނޑުގައި ގެއްލުންވިކަމުގެ ރިޕޯޓު އެކައުންސިލަށް ލިބުމާއި އެކު އެކަމުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި ސިފައިންވެސް ޙަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މިހާތަނަށް ބޮޑު ގެއްލުމެއް ލިބިގެން ކައުންސިލަށް ރިޕޯޓު ކޮށްފައިވަނީ ދެ ގެއަކަށް ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވައި ބާރުވެފައިވަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ ކަމަށެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރެއަށް އާއްމުކޮށް ހުންނަ ވަރަށްވުރެ ވައި ބާރުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުން ދިޔަ ނަމަވެސް، ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖޭއާއި ދުރަށް ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.