ތަޢުލީމު

އުސޫލު މުރާޖައާކޮށް މާދަމާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ


މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ބަލާ އުސޫލު މުރާޖައާކޮށް މާދަމާ އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯނާ ބެހޭގޮތުން ޢާއްމުންގެ ޝަކުވާތައް އިތުރުވެފައިވަނިކޮށް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މި ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލަން ކުރިން ނިންމާފައިވީނަމަވެސް، މި ފުރުޞަތު އަވަސްކުރަން ނިންމީ ވީހާވެސް ގިނަ ދަރިވަރުންނަށް ވީއެންމެ އަވަހަކަށް ލޯނު ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އަދި އަލުން ފުރުޞަތު ހުޅުވާލާނީ ކުރިން އާންމުކުރި އުސޫލުގައި ރަނގަޅުކުރަންޖެހޭކަމަށް ފެންނަ ކަންކަން ރަނގަޅުކޮށް އެ އުސޫލު މުރާޖައާ ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަލުން ފުރުޞަތު ހުޅުވާލާއިރު ކުރިން ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ނުލިބުނު ދަރިވަރުންނަށް އެކުދިން ކުރިން އޮންލައިންކޮށް ހުށަހެޅި ފޯމަށް އެކްސެސް ވެވޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓްރ ވިދާޅުވިއެވެ. އަދި އެ ދަރިވަރުންނަށް ކުރިން ލޯނު ހަމަނުޖެހުނު ސަބަބު މިހާރު އަންގާފައިވުމުން އަލުން ފޯމު އިސްލާހު ކުރަން ފުރުޞަތު ދިނުމުން އެކުދިންނަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އަލުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާއިރު ކުރިން ފާހަގަ ކުރެވުނު ކަންކަން އިސްލާހުކޮށް، އެޕްލިކޭޝަންތަކުގައި ދިމާވާ މައްސަލަތައް ފަސޭހައިން ދަރިވަރުންނަށް އެނގޭނެ ފަދަ ގޮތަކަށް ޕޯޓަލްވެސް އިސްލާހު ކޮށްފައިވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ލޯނަށް އެދުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާއިރު، އެ ޕޯޓަލަށް މިނިސްޓްރީގެ މުވައްޒަފުންވެސް ތަމްރީނުކޮށްފައިވާކަމަށެވެ.

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 993 ފަރާތަކުން ކުރިމަތިލިއިރު ލޯނު ލިބިފައިވަނީ 79 ފަރާތަކަށެވެ. ގިނަ ފަރާތްތަކަކަށް ލޯނު ހަމަނުޖެހުނީ އެޕްލިކޭޝަން ހުށަހެޅުމުގަިއ ބަލާ އުސޫލާ ޚިލާފަށް އެޕްލިކޭޝަން ހުށަހަޅާފާއިވާތީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސްކީމުގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ލޯނަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 79 ފަރާތަކަށް ލޯނު ހަމަޖެހިފައިވާތީ މިހާރު ބާކީ ހުރީ 163 ޖާގަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި 163 ޖާގައަށް ދަރިވަރުން ހޮވާނީ މާދަމާ ހުޅުވާލާ ފުރުޞަތަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިންކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.