ހދ. ކުޅުދުއްފުށީ ސިޓީގައި ކުރިޔަށްދާ އިންޓަރސުކޫލް އެތުލެޓިކްސް މީޓް 2025 ގައި ށ. އަތޮޅު މަދަރުސާއަށް މަރިޔަމް މީރާ އަޒްމީރު ފުރަތަމަ ރަންމެޑަލް ހޯދައިދީފިއެވެ.
އޭނާ ރަން މެޑަލް ހޯދީ 17 އަހަރުން ދަށުގެ ސޮޓްޕުޓް އިވެންޓުގެ އަންހެން ކެޓަގަރީންނެވެ. އެއީ 6.74 މީޓަރު ދުރަށް ސޮޓްޕުޓް އެއްލާ 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިޝަތު އީމާ އަހުމަދެވެ. އޭނާ ވަނީ 6.38 މީޓަރު ދުރަށް ސޮޓްޕުޓް އެއްލައިގެން 8 ޕޮއިންޓް ހަމަކޮށްފައެވެ.
ތިންވަނަ ހޯދީ މަކުނުދޫ ސުކޫލުގެ ހައްވާ ހަމްސާ ހުސެއިން ތަސްލީމްއެވެ. އޭނާ ވަނީ 6.00 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެން 6 ޕޮއިންޓް ހޯދާފައެވެ.
15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޖެވެލިން ތްރޯގެ އެއްވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އަހުމަދު ޔޫއާން ބިން މުހައްމަދެވެ. އޭނާ އެއްވަނަ ހޯދީ 23.97 މީޓަރު ދުރަށް ޖެވެލިން އެއްލާ 10 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނަ ހޯދީ 23.97 މީޓަރުގެ ދުރަށް ޖެވެލިން އެއްލައިގެން އެކު 8 ޕޮއިންޓް ހޯދި ޖަލާލުއްދީން ސުކޫލުގެ ނައުހަން ނޫރުލް އަމީން އެވެ.
ތިންވަނަ ހޯދީ 23.40 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން 6 ޕޮއިންޓް ހޯދި މިލަންދޫ ސުކޫލުގެ އިބްރާހިމް ޒާލިފް އަބުދުالله އަފީފެވެ.
13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ހައިޖަމްޕް ކެޓަގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ހުސެއިން މިފްރާހް މުހައްމަދެވެ. އޭނާ ވަނީ 1.25 މީޓަރު އުހަށް ފުންމާ 10 ޕޮއިންޓް ހަމަކޮށްފައެވެ.
ހައިޖަމްޕްގެ މި ކެޓަގަރީގެ ދެވަނަ ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު ޝަޔާލް ބިން މުހައްމަދު ޝަހީދުއެވެ. އޭނާއަށް ދެވަނަ ލިބުނީ 1.21 މީޓަރު އުހަށް ފުންމައިގެން 8 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ މަނާން މުހައްމަދު ރަޝީދުއެވެ. އޭނާ ވަނީ 1.12 މީޓަރު އުހަށް ފުންމައިގެން 5 ޕޮއިންޓް ހޯދާފައެވެ.