ޚަބަރު

އަރުޝީފް ކުރުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދޭނެ- މިނިސްޓަރ


އަރުޝީފް ކުރުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ވެދެވެން އޮތް އެންމެބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަރުޝީފު ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިތާބުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ ވަރަށްބޮޑު އިސްކަމެއް ދީގެން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ފުރިހަމައަށް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ސަރުކާރުގެ އިތުރުން އަރުޝީފުކުރުމުގެ މަސައްކަތް ކުރަމުންދާ އަމިއްލަ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ ޝުކުރުއަދާ ކުރާކަމަށާ، މިކަމުގައި އަމިއްލަފަރާތްތަކަށް މިރޮނގުން ވެދެވެންއޮތް އެންމެބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

މިިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، އެކަށޭނެ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ޤައުމަށާއި އަންނަން އޮތް ޖީލުތަކަށް ވަރަށް ބޭނުންތެރި އަދި އޭގެ ފައިދާ ކުރާނެ ކަމެއްކަމަށެވެ. އެގޮތުން ޤައުމައި ހިނގާ ކަންކަން އަންނަން އޮތް ޖީލުތަކަށް ފުރިހަމައަށް ވާސިލު ކުރެވޭނީ މިޤައުމުގެ ފަތްފުއްތަކާއި ފުރޭފުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރަނގަޅަށް ރައްކާތެރިކޮށް ބެލެހެއްޓިގެން ކަމަށް މިނިސްޓަރ ބިދާޅުވިއެވެ. އަދި މިހާރުންމިހާރަށްވެސް ދައުލަތުގެ އޮފީސްތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ރެކޯޑްސް މެނޭޖްމަންޓުގެ ކަންކަން ފުރިހަމަ ކުރެވޭނީ ޤައުމީ އަރުޝީފު އެކަށޭނެ ގޮތެއްގައި ޤާއިމުކުރެވިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ސަރުކާރުން ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއްދޭ ކަމަށާ އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ފުރިހަމައަށް ގާއިމު ކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަމުންދާކަމަށެވެ.

ބައިނަލްއަޤްވާމީ އަރުޝީފު ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ކައުންސިލް އޮން އާކައިވްސް، އައި.ސީ.އޭއިން ވިދާޅުވާގޮތުގައި ޤައުމީ އަރުޝީފަކީ ހަމައެކަނި ތާރީޚީ ރިކޯޑް ބަލަހައްޓާ ތަނަކަށްވުރެ ދައުލަތް ހެޔޮގޮތުގައި ހިންގުމަށް އެހީތެރިވެދޭނެ މުއައްސަސާއެކެވެ. އަދި ހަރުދަނާ އަރުޝީފެއް ޤާއިމު ކުރެވި ބެލެހެއްޓުމަކީ އެ ޤައުމެއްގެ ސަރުކާރުގައި ކަން ހިނގާފައިވާ ގޮތާއި ސަބަބާއި ހިނގިގޮތް އޮޅުންފިލާނެ ނިޒާމެއްކަމަށްވެސް އައި.ސީ.އޭއިން ބުނެއެވެ. އަދި މިއީ އިންސާނީ ހައްޤުތައް ދަމަހައްޓާ، އެ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ނިންމުންތައް ބުނެދިނުމާއި ދިފާއުކުރެވޭނެ ނިޒާމެއްކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި މި ދުވަސް ފާހަގަކުރުމުގައި ބާރުއަޅާފައިވަނީ އަރުޝީފުތައް ފަރުމާކުރެވެން ވާނީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިނެވި ޚިދުމަތްތަކެއް ދެވޭނެ ގޮތްތަކެއްގެ މައްޗަށް ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.