ޚަބަރު

ލޯނު ހަމަނުޖެހޭ ދަރިވަރުންގެ އެޕްލިކޭޝަންތަކުގައި ގިނަ މައްސަލަތަކެއް!


މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ލޯނު ހަމަނުޖެހޭ ފަރަތްތަކަށް، އެކަން ހަމަނުޖެހުނު ސަބަބުތަކުގެ ތަފްސީލް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޢާއްމުކުރައްވާފައިވާ ތަފްސީލުތަކުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ލޯނު ހަމަނުޖެހޭ ފަރަތްތަކަށް އެކަން ހަމަނުޖެހުނު ސަބަބުތަކުގެ ތެރެއިން އެންމެގިނަ ދަރިވަރުންނަށް ކޯސް ހަމަނުޖެހުނީ އެޕްލިކޭޝަނަށް ބޭނުންވާ ލިޔެކިޔުންތަކުގެ 2 ފަރާތް ހުށަނާޅާ ހުރުމުގެ ސަބަބުންނެވެ. އެއީ 271 އެޕްލިކޭޝަނެވެ.

އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާާފައި ހުރިއިރު މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން 183 އެޕްލިކޭޝަން ބާޠިލުކޮށްފައިވެއެވެ. މީގެއިތުރުން ކޯހާގުޅޭ މަޢުލޫމާތު ހަމަނުވުމުގެ ސަބަބުންވެސް ގިނަ ފަރާތްތަކަކަށްވަނީ ލޯނު ހަމަނުޖެހިއެވެ. އެމިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ބައެއް ދަރިވަރުންނަށް ލޯނު ހަމަނުޖެހުނީ ޢިއުލާންކޮށްފައިވާ ޤައުމުތައް ނޫން އެހެން ޤައުމުތަކަށް ދާން އެދިފައިވުމުގެ ސަބަބުންނެވެ.

އެގޮތުން 192 ދަރިވަރުން ޢިއުލާނުގައި ބުނެފައިވާ ޤައުމު ނޫން ޤައުމުތަކަށް ދިޔުމަށް އެޕްލައިކޮށްފައި ވުމުގެ ސަބަބުން އެޕްލިކޭޝަން ވަނީ ބާޠިލުކޮށްފައެވެ. އަދި މެޑިސިން ހެދުމަށް އެޕްލައިކުރި ހުރިހާ ކުދިން އެދިފައިވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެޕްރޫވް ނުކުރާ ކޯސްތަކަށް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ނުކުރާ 22 ކޯހަކަށް އެދިފައިވާ އެޕްލިކޭޝަންތަކަށްވެސް ލޯނު ހަމަޖައްސައެއްނުދެއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔަވަމުންދާ ކުދިން ފޯމުލާންޖެހޭނީ އާ ދަރިވަރުންގެ ގޮތުގައި ކަމަށާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރެއްގެ ގޮތުގައި ފޯމު ހުށައަޅާފައިވާތީ އެފަދަ ބައެއް ދަރިވަރުންނަސްވެސް ލޯނު ހަމަނުޖެހޭކަން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. އެފަދަ 14 ފަރާތަކަށް ލޯނު ހަމަނުޖެހެއެވެ. މީގެ އިތުރުން ސައްޙަކަން ޔަގީންނުވާ ސެޓްފިކެޓް ހުށައަޅާފައިވާ ފަރާތްތަކަށްވެސް ލޯނު ހަމަޖައްސައިނުދޭކަން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ތިބެގެން ހެދޭ ކޯސްތަކަށްވެސް ލޯނު ހަމަޖައްސައި ނުދޭނެކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޢާއްމުކުރައްވާފައިވާގޮތުން 339 ދަރިވަރުންވަނީ މަތީ ތަޢުލީމުގެ ލޯނަށް އެދިފައެވެ. މީގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 79 ދަރިވަރަކަށެވެ. މީގެ ތެރޭގައި އަލަށް ކިޔަވަން ފެށި ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުން ހިމެނެއެވެ.