ޚަބަރު

ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ރިޒާ މެންބަރުކަމުގެ ހުވައިކުރެއްވުން މާދަމާ


19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެޑައިގެންނެވި އިބްރާހިމް ރިޒާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރެއްވުން މާދަމާ އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިދާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ރައްޔިތުންގެ މަޖިޅީހުގެ އިދާރާގައިކަމަށެެވެ.

އަލްއުސްތާޛް އިބްރާހީމް ރިޒާ، ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވާލައިދެއްވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑރ. އަޙްމަދު އަބްދުﷲ ދީދީއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވި މިދިޔަ މެއި މަހުގެ 28 ވަނަދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަރަސްމިއްޔާތުގައެވެ. މެންބަރުން ހުވާކުރެއްވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި އަލްއުސްތާޛް އިބްރާހީމް ރިޒާއަށް ބައިވެރިވެވަޑައިނުގެންނެވުނީ އޭރު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާގައި އެމަނިކުފާނު ހުންނެވުމުނެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވެސް ގިނަ މަސައްކަތްތަކެއް އެޖެންޑާކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ މިއަދު ވިދާޅުވިއެވެ. އެގޮތުން ކްލެމެންސީ ބޯޑަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ. މީގެއިތުރުން "ޓްރެފިކްކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ" ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމަށްވެސް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އަދި މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލާއި، ޤާނޫނީ ފަންނުގެ ބިލްގެ އިބްތިދާޢީ ބަހުސް މާދަމާގެ ޖަލްސާގައި ފެށުމަށް އެންޑާކުރާނެކަމަށް މަޖިލީހުގެ އަމީންއާއްމުވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލް އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުވާފައިވާ މައްސަލައާއި ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 އާއި ގުޅޭ ބަހުސްވެސް މާދަމާގެ ޖަލްސާގައި ކުރިއަށްގެންދާނެކަމަށް މަޖިލިސް ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއްވިއެވެ.