ވިޔަފާރި

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ޗައިނާގެ އިންޒާރެއް


ޗައިނާއާއެކު ކުރިއަށްގެންދާ ޓެކްނޮލޮޖީއާ ގުޅުންހުރި ވިޔަފާރީގެ މުޢާމަލާތްތައް ހުއްޓާލައިފިނަމަ އެކަމުގެ ބަދަލުގައި ޗައިނާއިންވެސް ފިޔަވަޅު އަޅާނެކަމަށް ބުނެ، ޓެކްނޮލޮޖީ ސިނާޢަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނިތަކަށް ޗައިނާއިން އިންޒާރު ދީފިއެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނާގޮތުން ޗައިނާއިން މިއިންޒާރު ދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޓެކްނޮލޮޖީ ސިނާޢަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި، އެމެރިކާގެ މައިކްރޯސޮފްޓާއި ޑެލް ކުންފުނީގެ އިތުރުން ސައުތު ކޮރެޔާގެ ސެމްސަންގް ކުންފުނި ހިމެނެއެވެ.

އެމެރިކާގެ ކުންފުނިތަކަށް ޗައިނާއިން އިންޒާރުދީފައި މިވަނީ، ޗައިނާގެ ވާވޭ ކުންފުންޏަށް ޚިދުމަތްދިނުމާއި އެކުންފުނިން ޚިދުމަތް ލިބިގަތުން މަނާކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ފަށާފައިވަނިކޮށެވެ.

އެމެރިކާގެ ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގައި ކުރިއަށްގެންދާ އެއްވެސް ވިޔަފާރީއެއް ހުއްޓާލައިފިނަމަ އެކަމުގެ ބަދަލުގައި ޗައިނާއިންވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެކަމުގައި އަޅާނެ ފިޔަވަޅެއް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާއާއެކު ނުވަތަ ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ޗައިނާއިން އިންޒާރު ދީފައިވާއިރު، އެމެރިކާގެ ފޭސްބުކްއާއި ގޫގުލްއިން ވަނީ ޗައިނާގެ ވާވޭ ކުންފުންޏާއެކު ކުރަމުންދާ ވިޔަފާރީ ހުއްޓާލާނެކަން އިޢުލާންކޮށްފައެވެ. އަދި އެކަމާ ގުޅޭގޮތުން މިހާރުވެސް އެކުންފުނިތަކުން ވަނީ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ޗައިނާއާއި އެމެރިކާގެ ގުޅުން ގޯސްވެފައިވާއިރު، ދެ ޤައުމުން ދަނީ އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރަމުންނެވެ.