ޚަބަރު

1.6 މެގަވޮޓުގެ އިންޖީނެއް ބަހައްޓާ އައްޑޫއަށް ކަރަންޓް ދޭން ފަށައިފި


އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަކަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުުރުމަށް 1.6 މެގަވޮޓޫގެ އިންޖީނެެއް ބަހައްޓާ ކަރަންޓް ދޭން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ 2 މެގަވޮޓު އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން މިދިޔަ މޭއި މަހުގެ ފަހު ކޮޅުން ފެށިގެން އައްޑޫގެ އެކި ހިސާބު ތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 10 އިން ރޭގަނޑު 10 އަކަށް އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން އާދައެވެ.

ފެނަކައިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އައްޑޫސިޓީގެ ސެންޓްރަލް ޕަވާރ ސްޓޭޝަންގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް 1.6 މެގަވޮޓުގެ އިންޖީނެއް ގެންގޮސްފައިވާ ކަމަށެވެ. އަދި އިންސްޓޯލް ކުރުމަށް ފަހު މިހާރު 1.3 މެގަވޮޓުގެ ' ހައިލޯޑުގައި' ކަރަންޓު ދެވިފައިވާ ކަމަށެވެ.

އައްޑޫއަށް ދިމާވި ކަރަންޓު މައްސަލަ ހައްލުވުމާއި ގުޅިގެން ފެނަކައިން ކުރި ޓްވީޓް.

އައްޑޫސިޓީ އަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން 20 މެގަވޮޓުގެ ޕަވަރ ގްރިޑެއް އެޅުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ސާވޭތައް ކުރަމުން އަންނަކަމަށްވެސް ފެނަކައިން ބުނެއެވެ.