ޚަބަރު

އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ޖާފަތެއް ދެއްވައިފި

އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޚާއްޞަ ޖާފަތެއް ދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވެވި މި ޖާފަތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ނަރެންދުރަ މޯދީ ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ރާއްޖެއަށް ޚާއްޞަ ކުރެއްވުމަކީ ދިވެހިންނަށް ލިބޭ ފަޚްރެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަން ރާއްޖެއިން އަބަދުވެސް ބަލައިގަންނާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެފައިވާކަމަށާ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންވެސް ބަދަހިވެފައިވާކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މުހިންމު ބައިވެރިއެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ދެއްވި ޖާފަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އެމަނިކުފާނަށް ކީ ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމަށް އިންޑިއާއިން އަބަދުވެސް އިޙްތިރާމް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށާ، މިއީ ދެޤައުމުގެވެސް މަސްލަހަތު ހިމެނޭ ކަމެއްކަމަށެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރާއްޖެއާއެކު އިންޑިއާއިން ވަކާލާތު ކުރާނެކަމަށްވެސް މޯދީ ވިދާޅުވިއެވެ.