ކުޅިވަރު

ބްރައިޓް ޗެލެންޖްގެ ފައިނަލަށް ޔަންގް ސްޓަރ އާއި ލެޖެންޑް އެފްސީ ދަތުރުކޮށްފި


އއ.ތޮއްޑޫގައި މިހާރު ކުރިޔަށްދާ ބްރައިޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޔަންގް ސްޓަރ އަދި އެފްސީ ލެޖެންޑް ޖާގަ ހޯދައިފިއެވެ.

ޔަންގް ސްޓަރ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޔުނިކް އެފްސީ އާއި ވާދަކޮށް 3 ލަނޑު 0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޔަންގް ސްޓާރ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން މުއާން އަދި މުހައްމަދު އިންޝާދުގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ރާއިފް (ހައްނަ) އެވެ.

މި މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެފްސީ ލެޖެންޑް ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލުގެ 2ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4 ލަނޑު 2 ލަނޑުން ހެލޯ ބޭބީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

ޕެނަލްޓީގައި ލެޖެންޑް އެފްސީގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އަޝްފާން، މުހައްމަދު ޝާދިން އަދި މުހައްމަދު ތަސްމީންގެ އިތުރުން ހުސައިން ފަޔާޒްއެވެ. ހެލޯ ބޭބީ ޓީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނިޝާދު އަލީ އާއި އިބްރާހިމް ޝާފިއު ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު އިބްރާހިމް ރަޝީދު އާއި ވިޖާޒް އީސާފުޅު ޖެހި ޕެނަލްޓީ ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައެވެ.