ކުޅިވަރު

ފުވައްމުލަކު ރާޒުވާ މުބާރާތް ފޯރިއާއެކު ނިންމާލައިފި


ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަން ގުޅިގެން ފުވައްމުލަކުގައި ބޭއްވި ރާޒުވާ މުބާރާތުގައި ބައިވެރިވި ފަރާތަކަށް ހަނދާނީ ލިޔުމާއި ވަނަތަށް ލިބުނު ފަރާތްތަކަށް ތަށްޓާއި ފައިސާގެ އިނާމު ދީފިއެވެ.

ފުވައްމުލައް ޗެސް ކަޕް 2019 ނަމުގައި ބޭއްވި މުބާރާތުން އެއްވަނަ މުހައްމަދު މޫސާ ހޯދިއިރު ދެވަނަ ހޯދައިފައިވަނީ އާޔަތުﷲ މޫސާއެވެ. އަދި ތިންވަނަ ހޯދައިފައިވަނީ ހުސެއިން ޝަހީމެވެ. މި ރަސްމިއްޔާތު ޝަރަފަވުވެރި ކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލުގެ ކުރީގެ ނައިބު ރައީސް ހުސެއިން ޝާފީއެވެ.

ޗެސް އެސޯސިއޭޝަނުން ބުނީ ފުވައްމުލަކުގައި ބޭއްވި ރާޒުވާ މުބާރާތަކީ މާލޭ ފިޔަވައި ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ބޭއްވި މުބާރާތް ކަމަށެވެ. މި މުބާރާތުގައި ޖުމްލަ ސޯޅަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.

މި މުބާރާތް އަންނަ އަހަރުވެސް ބާއްވަން ހަމަޖެހިފައިވާއިރު މިފަހަރުގެ ތަޖުރިބާއަށް ބަލައި އަންނަ އަހަރު ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދާނެ ކަމަށް ޗެސް އެސޯސިއޭޝަނުން ބުނެއެވެ. މީގެ އިތުރުން ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ރާޒުވާ ދަސްކޮށްދީ މިކުޅިވަރު ފުވައްމުލަކުގައި ކުރިއަރުވައި އާލާކުރަން ކައުންސިލާއި ގުޅިގެން މަސައްކަތް ކުރަންވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ޗެސް ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަޤްސަދުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުންވަނީ ސުކޫލު ފެނަވަރުގައްޔާއި ޤައުމީ ފެންވަރުގައި ގިނަ ޗެސް މުބާރާތްތަކެއް ބާއްވަމުންނެވެ.