ވިޔަފާރި

ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިއާއާއެކު އަމަލީ މަސައްކަތް ވަނީ ފެށިފައި - މިނިސްޓްރީ


ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ކަންތައްތަކެއް ކުރެވެމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި އިންޑިއާއާއިއެކު ވަނީ 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެސިސްޓަންޓް ޑިރެކްޓަރ ހުސައިން ފައިސަލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިހާރު މުހިންމު މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކަމާގުޅުންހުރި ފަރާތްތައް ރާއްޖެ ވަޑައިގެން ފުރަތަމަ ބައްދަލުވުން އޭޕްރީލް މަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ. މި ޒިޔާރަތުގައި ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގެ އިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި އެހެން ވުޒާރާތަކާއި މަޝްވަރާކުރައްވާފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ޒިޔާރަތުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ މިހާރުގެ ހާލަތާއި އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުވުމަށް މިހާރު ވަނީ ދަނޑުވެރިކަމުގެ ސާރވޭއެއްވެސް ކޮށްފައެވެ. މީގެއިތުރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުންވެސް އިންޑިއާ ސަރުކާރުން މަޝްވަރާކުރައްވާފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

"އިންޑިއާގެ ފަންނީ ބޭފުޅުން މިކޮޅަށް ވަޑައިގެން ވަނީ އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ ސިނާއަތުގެ މިހާރުގެ ހާލަތާއި، ކުރިއަށްދާން ބޭނުންވާ ގޮތާއި، އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު." ހުސައިން ފައިސަލް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އަންނަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުންފުންޏެއް އުފައްދަންވެސް ތައްޔާރުވަމުންނެވެ. ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުގެ ޕޮލިސީތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމެކެވެ.

" މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން" ގެ ނަމުގައި އުފައްދާ މި ކުންފުނި ވަރަށް އަވަހަށް ވުޖޫދަށް އަންނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.