ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުވިފަހުން މިއަދާ ހަމައަށްވެސް އެސޯސިއޭޝަނުގެ އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އެސޯސިއޭޝަންގެ ހިންގުމުގެ ދޯދިޔާކަން ފާހަގަކޮށް ވޮލީބޯޅަ އެސޯސިއޭޝަނަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދުދީ އެސޯސިއޭޝަނުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެ ތަމްސީލްކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ޤައުމީ ޓީމުގެ ކުޅުންތެރިން ބޭނުންކުރުމަށް އޮންނަނީ މެޗު ކުޅޭ ޖާޒީ އާއި ޓްރެވަލް ކިޓް އެކަނިކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވާ އެހެން ޓީމުތަކުންވެސް ކުޅިވަރު މުބާރާތް އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތެއްގައިވެސް ތަފާތު ޖާޒީ ބޭނުންކުރާތީ، ދިވެހި ޤައުމީ ޓީމުގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތައް އެސޯސިއޭޝަނާއި ހިއްސާކޮށްފައިވާކަމަށާއި އެހެންކަމުން ޤައުމީ ޓީމަށް މެޗު ކުޅޭ ޖާޒީގެ އިތުރުން ޓްރެވަލް ކިޓާއި، ޕްރެކްޓިސް ކިޓާއި، ހޮޓެލް ކިޓާއި މެޗު ކުޅޭ ދުވަސް ދުވަހު ހޮޓަލުން ސްޓޭޑިއަމަށް ދަތުރުކުރާއިރު ބޭނުންކުރާނެ ކިޓާއި ޓްރެކްޝޫޓްފަދަ ތަކެތި އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީން ހޯދާއިދީފައިވާނެކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މި ތަކެތި ގަނެފައިވަނީވެސް އާއްމުކޮށް ކަންކުރާ އުސޫލުން ކޯޓޭޝަން ހޯދާއިގެންކަމަށާއި އެސޯސިއޭޝަންގެ މިހާރުގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ ނަމުގައިވާ ކުންފުންޏަކުން ތަކެތި ގަނެފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދެމުން ބަޔާނުގައި ބުނެފައިވަނީ އެއީ ސީނިއަރ ވައިސްޕްރެޒިޑެންޓްގެ މަޤާމަށް އައުމުގެ ކުރިން ހިނގާފައިވާ ކަމެއްކަމަށެވެ.
އެސޯސިއޭޝަންގެ ތަފާތު ހަރަކާތްތަކަށް ސީނިއަރ ވައިސްޕްރެޒިޑެންޓް ސްޕޮންސަރޝިޕްގެ ދަށުން ގިނަ އަދަދެއްގެ ފައިސާ ހޯދައިދީފައިވާކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.