ކުޅިވަރު

އިންގްލޭންޑް ކަޓުވާލާ ނެދަލޭންޑްސް ފައިނަލަށް


އިންގްލޭންޑްގެ ޑިފެންސް ލައިނުން ހެދި މިސްޓޭކްތަކުގެ ފައިދައިނަގާ ނެދަލޭންޑްސް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލޭންޑްސް ދަތުރުކުރީ މިރޭ ކުޅުނު މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި އިންގްލޭންޑް ތިނެއް ދޭކުން ބަލިކޮށްގެންނެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންވެސް އޮތީ އެއް ލަނޑު ޖަހާ މެޗު އެއްވަރުވެފައެވެ. އަދި ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތިރީސް މިނެޓުގެ ތެރޭގައި ނެދަލޭންޑްސް ކުރި ހޯދީ އިންގްލޭންޑްގެ ފަހަތުން ހެދުނު މިސްޓޭކެތަކެއްގެ ފައިދާ ނަގާ އިތުރު ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އިންގްލޭންޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑަށް ކާމިޔާބުކޮށްދިނީ ފޯވާޑް މާކަސް ރަޝްފޯޑްއެވެ. ދެވަނަ ހާފުގައި ނެދަލޭންޑްސް ނަތީޖާ ހަމަ ހަމަކޮށްދިނީ މިހާރު ޔޫރަޕްގެ ބޮޑު ހުރިހާ ކްލަބަކުންވެސް އެންމެ ބޮޑަށް ހޯދަން ބޭނުންވެފައިވާ ޒުވާން ޑިފެންޑަރު މެތައިސް ޑި ލިޓްއެވެ. ނުވަދިހަ މިނެޓުގެ ތެރޭގައި ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ތިރީސް މިނެޓުގެ ތެރޭގައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި ނެދަލޭންޑްސް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނެގީ އިންގްލޭންޑްގެ ޑިފެންޑަރ ކައިލް ވޯކަރ އަތުން ބައިކޮޅަށް ވަތް ލަނޑާއެކުއެވެ. ނެދަލޭންޑްސް ލަނޑު ޖެހުމުގެ ފުރުސަތު ފަހިވީވެސް އިންގްލޭންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް އަމިއްލަ ޕެނަލްޓީ އޭރިއާ ތެރޭގައި ކޮށްޓަން އުޅުމުގެ ތެރެއިން ޑެޕައި ބޯޅަ ހޯދާ ކުރިއަށް ފޮނުވާލި ހަމަލާއިންނެވެ. މި ހަމަލާ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. އެހެންނަމަވެސް ޕްރެޝަރުގައި އެބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރެއިން ވޯކަރ ފޮނުވާލި ބޯޅަ އޭނަގެ އެއް ފައިގަ ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.

ނެދަލޭންޑްސް މެޗުގައި ޖެހި ތިން ވަނަ ލަނޑަކީވެސް އިންގްލޭންޑްގެ ފަހަތުން ހެދުނު މިސްޓޭކަކުން ޖެހުނު ލަނޑެކެވެ. އެއީ ޕެނަލްޓީ އޭރިއާ ކުރިމަތިން ކަހަލަ ގޮތަކަށް މިޑްފިލްޑަރ ރޮސް ބާކްލޭ ފަހަތައް ދޭން މަސައްކަތް ކުރި ބޯޅަ ނެދަލޭންޑްސް ކުޅުންތެރިން ހޯދުމުންނެވެ. އަދި އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި ފޯވާޑް ޕްރޮމެސްއެވެ.

މިނަތީޖާއާއެކު އިންގްލޭންޑް ކަޓުވާލުމަށްފަހު ނެދަލޭންޑްސް މިވަނީ ފުރަތަމަ ނޭޝަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ފައިނަލްގައި ނެދަލޭންޑްސް ބައްދަލުކުރާނީ ރޮނާލްޑޯގެ ޕޯޗުގަލް އާއެވެ.