ތިމާވެށި

ކާށިދޫ ނެރު ފައިކަށްޓަށް ތެޔޮ ބާޖެއް އުރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލަނީ


ކ.ކާށިދޫ ހުޅަނގު ފަރާތު ނެރު ފައިކަށްޓަށް ތެޔޮ ބާޖެއް އުރުނު ޙާދިސާއާއި ގުޅިގެން އެ ސަރަޙައްދުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ދިގުމިނުގައި 100 ފޫޓު ހުރި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މި ތެޔޮ ބާޖު ކާށިދޫ ނެރު ފައިކައްޓަށް އުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އީ.ޕީ.އޭގެ އޮފިޝަލަކު ވިދާޅުވީ، އެސް.ޓީ.އޯގެ ތެޔޮ ބާޖު ކާށިދޫ ފަރަށް އުރުނު ޙާދިސާގައި ކަން ހިނގާދިޔަގޮތުގެ ރިޕޯޓެއް އީ.ޕީ.އޭއަށް ހުށަހެޅުމަށް މިހާރު އަންގާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގެ ފަރަށް ލިބިފައިވާ ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް އެ އެޖެންސީގެ ޓީމަކުން ކުރަމުންދާކަމަށާއި، މި ޙާދިސާއާއި ގުޅިގެން އެސް.ޓީ.އޯ ޖޫރިމަނާކުރުމާމެދު ވަކި ގޮތެއް ނިންމާނީ ކަން ހިނގާދިޔަގޮތުގެ ރިޕޯޓާއި، އީ.ޕީ.އޭގެ އެސެސްމެންޓްތަކުން ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މާތޮޅި" ނަމަކަށްކިޔާ މި ތެޔޮ ބާޖުގައި ދަތުރު ފެށިއިރު 27 ހާސް ލީޓަރ ޕެޓްރޯލާއި 180 ހާސް ލީޓަރު ޑީސަލް ބަރުކޮށްފައިވެއެވެ. މި ތެޔޮ ބާޖު ފަރަށް އެރުމާއެކު، ބާޖު ފުންކުރުމުގެ މަސައްކަތް އެމްޕީއެލްގެ ޓަގް ބޯޓެއްގެ އެހީއާއެކު އެމް.އެން.ޑީ.އެފުން ވަނީ ކޮށްފައެވެ. އަދި ޑަބަލް ހަލް ޑިޒަންއަށް ހަދާފައިވާ މި ބޯޓުން ތެޔޮ ލީކްވިކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ސްޓެލްކޯއިން ކާށިދޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެން ދަތުރުކުރި މި ތެޔޮ ބާޖު ނެރުކައްޓަށް އެރުމުގެ ސަބަބުން އެ ބާޖަށާއި، އެބޯޓުގައި ދަތުރުކުރި 6 ދިވެހިންނަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ.

އިހުމާލަކުން ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުންވެސް ހިނގާ މިފަދަ ޙާދިސާތަކުގައި ދިވެހިރާއްޖޭގެ އުޅަނދެއްނަމަ ފުރަތަމަ ފަހަރު ޖޫރިމަނާކުރުމުގެ ބަދަލުގައި އެކަން ތަކުރާރުނުކުރުމަށް އީ.ޕީ.އޭއިން އިންޒާރުދިނުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް ރާއްޖޭން ބޭރުގެ އުޅަނދެއްނަމަ އިންޒާރުދިނުމަކާ ނުލާވެސް ޖޫރިމަނާކުރެއެވެ. އަދި ޖޫރިމަނާކުރުމުގައި އެ ޙާދިސާއެއްގެ ސަބަބުން ފަރަށް ލިބުނުގެ ގެއްލުމުގެ ކުޑަބޮޑު މިނަށާއި، އެ ސަރަޙައްދެއްގައި އުޅޭ ކަނޑުގެ ދިރުންތަކުގެ ނިސްބަތަށް އީ.ޕީ.އޭއިން ބަލައެވެ.