ޚަބަރު

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދޫކޮށްލި ދެމީހުން ތިންވަނަ ފަހަރަށް ހައްޔަރުކޮށްފި


ތިން ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން އައު ކޯޓު އަމުރަކާއި އެކު ތިންވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ކޯޓުން ހޯދި ކޯޓު އަމުރަކާއި އެކު ތިންވަނަ ފަހަރަށް އެ ދެ މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެންނަކާއި 52 އަހަރުގެ އަންހެންނެކެވެ. އެނގިފައިވާ ގޮތުގައި މި ދެމީހުންނަކީ މަންމައަކާއި ދަރިއެކެވެ.

މި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގެންގޮސްފައެވެ. ނަމަވެސް އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކޮށްދީ ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ. މި ދެފަހަރުވެސް އެމީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގައި ބުނާ ކަމެއް ފުލުހުން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެފައި ވަނީ، އެ ދެމީހުން ދޫކޮށްލާފައި ވަނީ، ޝަރީޢަތް ކުރުމާއިބެހޭ ޖިނާޢީ ޢިޖުރާޢަތުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ "ހ" ގައި ބުނެފައިވާ ކަންކަން ފުރިހަމަ ނުވާތީކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ބަންދާއި މެދު ގޮތެއް ނިންމަން ހުށަހަޅަން ޖެހޭނީ އެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުވެ ހުރި ފަރާތް ކަމަށާއި އެ މީހަކު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއިއެކު، ބަދަލުގައި އެ އިދާރާގެ އެހެން ފަރާތަކަށް ކޯޓަށް ހާޒިރު ވެވިދާނެކަމަށެވެ. އެހެންކަމުން އެ ދެމީހުން ދޫކޮށްލާފައިވަނީ އެ މައްސަލަ ތަހުގީގުކުރަމުން ދިޔަ އޮފިސަރުގެ ބަދަލުގައި އެހެން އޮފިސަރަކު ހާޒިރުވުމުން ކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.

ނަމަވެސް ފުލުހުން ވިދާޅުވީ އެ ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައި ވާނީ މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް އަމަލު ކުރަމުން އަންނަ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.