ޚަބަރު

މޯދީ ވަޑައިގަންނަވާތީ ބައެއް މަގުތަށް ބަންދުކުރަނީ


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް މަގުތައް ބަންދުކޮށް ޓްރެފިކް އިންތިޒާމުތަކަށް ބަދަލުގެންނަން ނިންމައިފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިރޭ 19:00އިން ފެށިގެން 8ވަނަ ދުވަހުގެރޭ 00:00 އާ ހަމައަށް ވަނީ މާލޭގެ އެކިހިސާބުތަކުގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާގޮތަށް ކަނޑައަޅައި ބައެއް ސަރަޙައްދުތަކުގައި ޕާރކް ނުކުރެވޭގޮތަށް ފުލުހުން ވަނީ ކަނޑައަޅައި އެކަން ޢާންމުކޮށްފައެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކަށް ބަލާއިރު އެއަރޕޯޓުން މާލެއަންނަ ދެމަގު ކަމަށްވާ ސިނަމާލެ ބްރިޖާއި އެއާ ގުޅިފައިވާ މަގުތަކާއި އެއްނަމްބަރު ފާލަމާ ގުޅިފައިވާ މަގުތައް ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

މިމަހުގެ އަށްވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ރައްޔިތުންގެ މަޖްލީހުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.