ޚަބަރު

މަސްތުވާތަކެތިީގެ ވިޔަފާރުކުރާ ހާއްޔެއް އަނެއްކާވެސް ފުލުހުން ހޯދައިފި


މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ގެއެއްކަށް ފުލުހުން ވަދެ މަސްތުވާތަކެއްޗާއި 5 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 16:19 އެހާކަންހާއިރު ހިނގި އޮޕަރޭޝަނެއްގައި ފުލުހުން ވަދެފައިވަނީ މ ފެޝަންމީޑް އަށެވެ. މި ގެއިން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެމީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހާކާއި 33 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި މި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި މި ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި، 04 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ގެއަކީވެސް އެގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި ގެއަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް ދަނގަޑު ދޮރު ހަރުކޮށްފައިވާކަމަށާއި އެހެން ގެތަކާއި ތަފާތުކޮށް މި ގޭގެ ދޮރު ކައިރީ ސެކިއުރިޓީއަށް މީހަކު ބަހައްޓާ ސެކިއުރީޓީ ބަލަހައްޓަމުން ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން ގޭ ތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ތަފާތު ލިޔުންތައް ލިޔެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މީގެ ކުރިން ތިން ގެއަކަށް ވަދެ 48 މީހުންވަނީ ހައްޔަރުކޮށްފައެވެ. މި ހުރިހާ ގެއަކީވެސް ފުލުހުންނަށް ނުވަދޭވޭ ގޮތަށް ދަގަނޑު ދޮރު ހަރުކޮށް އިލެކްޓްރޯނިކް ތަޅު ހަރުކޮށްފައިވާ ތަންތަންކަން ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގެ ދަށުން މިމަހުގެ 3 ވަނަދުވަހުގެ ރޭ ފުލުހުން ވަދެފއިވަނީ މ އެވަރެސްޓް އާގެއަށެވެ. ފުލުހުން ބުނީ މިގެއަށް ވަދެފައިވަނީ ހަރުކޮށްފައި ހުރި ދަނގަޑު ތޭރި ދޮރުތައް ނަގާ އެގޭގެ ފާރު ތަޅާލައިގެންކަމަށެވެ. އަދި އެގެއިންވަނީ 11 މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 27 ވަނަދުވަހުވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އެފަހަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާފާސްކޮށްފައިވަނީ ގ ޕެލިކަން އާއި ގ.މެމޮރީވިލާއެވެ.

ފުލުހުން ބުނީ މި ދެ ގެއަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް އިލެކްޓްރޯނިކް ތަޅު ހަރުކޮށް ބަންދުކޮށްފައިވާ ދެ ގެކަމަށެވެ. ޢަދި މި ދެ ގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މިކަމުގައި ކުޑަކުދިންނާއި އަންހެނުން ބޭނުންކުރާކަށްވެސް ފުލުހުން ބުނެއެވެ.