ކުޅިވަރު

ރޮނާލްޑޯގެ ހެޓްރިކުން ޕޯޗުގަލް ފައިނަލަށް!


ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ޕޯޗުގަލް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ޕޯޗުގަލް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޖާގަ ހޯދީ މިރޭ ކުޅުނު ސެމީފައިނަލްގެ މެޗުގައި ސްވިޓްޒަލޭންޑް 3 - 1 ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް ޕޯޗުގަލް ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ފުރަތަމަ ހާފް ނިމުނީ އެކެއް ސުމަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ސްވިޓްޒަލޭންޑުން ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން ސްވިޓްޒަލޭންޑަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރޮޑްރިގޭޒްއެވެ.

މި ޕެނަލްޓީއަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު ސްވިޓްޒަލޭންޑަށް ލިބުނު ޕެނަލްޓީއެކެވެ. މިގޮތުން ޕޯޗުގަލް އޭރިއާ ތެރެއިން ސެމޭޑޯ ކުރި ފައުލެއް ޕްލޭ އޮންއަށް ދޫކޮށްލުމަށްފަހު ވީ.އޭ.އާރް ރެފްރީން އެ ފައުލް ބަލަމުންދަނިކޮށް ސްވިޓްޒަލޭންޑް ކުޅުންތެރިން އެޓީމުގެ އޭރިއާ ތެރޭގައި ވަނީ ފައުލްކޮށްފައެވެ. އަދި މިފައުލްއާ ގުޅިގެން ރެފްރީ ވަނީ ޕޯޗުގަލްއަށް ޕެނަލްޓީއެއް ދީފައެވެ. އެހެންނަމަވެސް ކުޅުން ހުއްޓުމާއެކު ވީ.އޭ.އާރްއިން ފުރަތަމަ ޗެކްކުރީ ޕޯޗުގަލް އޭރިއާ ތެރޭގައި ކުރިފައުލްއެވެ. އަދި ވީ.އޭ.އާރް ބެލުމަށްފަހު ސެމޭޑޯ ކުރި ފައުލަށް، ރެފްރީ، ސްވިޓްޒަލޭންޑަށް ޕެނަލްޓީ ދިނީ ޕޯޗުގަލްއަށް ދެއްކި ޕެނަލްޓީ ކެންސަލް ކުރުމަށްފަހުއެވެ.

މެޗު އެކެއް އެކަކުން ނިމެންދަނިކޮށް ޕޯޗުގަލްއަށް މެޗުގައި ދެވަނަ ފަހަރަށް ރޮނާލްޑޯ ލީޑްނަގައިދިނީ 88 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބާނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓް ފަހުން މެޗުގެ 90 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ކައުންޓަރ އެޓޭކްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ޕޯޗުގަލްއަށް ފައިނަލްގެ ޖާގައެއް ޔަގީންކޮށްދީ އޭނާގެ ހެޓްރިކްވެސް ފުރިހަމަކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ޕޯޗުގަލް ނިކުންނާނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއި ނެދަލޭންޑްސްއެވެ.