ކުޅިވަރު

ކުއާޓަރ ފައިނަލުން އެފްސީ ބާގީ ޖާގަ ހޯދައިފި


ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލުން އެފްސީ ބާގީ ޖާގަ ހޯދައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ބްރައިޓް ޗެލެންޖް ކަޕް މިއަހަރު ކުރިއަށްދަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި 3 ޓީމް ހިމެނޭއިރު، އެފްސީ ބާގީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ކުޅުނު 2 މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ. މިގޮތުން މިރޭ ކުޅުނު މެޗު އެފްސީ ބާގީ ކާމިޔާބުކުރީ ލަޔަންސް ފުނޑު ފުނޑާއި ވާދަކޮށް 9 ލަނޑު 3 ލަނޑުންނެވެ.

މިރޭގެ މެޗްގައި އެފްސީ ބާގީއިން ޖެހި 9 ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ޝަޢުކަތުއެވެ. އެފްސީ ބާގީގެ މުހައްމަދު އިރުޝާދު އަދި އިބްރާހީމް ޖާވިދުވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އެފްސީ ބާގީގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ރަޢުޝާން އާއި މުސާ މުހައްމަދުއެވެ.

ލަޔަންސް ފުނޑު ފުނޑުން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްފާންއެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޒުމާމްއެވެ. މިއީ ލަޔަސް ފުނޑު ފުނޑުއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މިމުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗްގައި ފެރެންޑްސް ޔުނައިޓަޑް އާއި ކުލަބް ލަޔަންސް ބައްދަލުކުރި މެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމުބާރާތުގައި މާދަމާވެސް ހަތަރު މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.