ރިޕޯޓް

ފައިމަގުގައި އުޅުނު ވަގުތުކޮޅު އެކަނިވެސް ވައި ތަޣައްޔަރުވި މިންވަރު އެތައް ގުނައެއް ކުޑަވެއްޖެ


ފިތުރު ޢީދު ދުވަހާ ދިމާކޮށް މާލޭގައި އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް ކަނޑައެޅި ވަގުތުކޮޅުގެ ތެރޭގައި އެކަނިވެސް މާލޭގެ ވައި ތަޣައްޔަރުވި މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ވައި ތަޣައްޔަރުވުމަކީ އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މިކަމަކީ ދިވެހިރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި، ވަކިން ޚާއްސަކޮށް ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ބޮޑުވަމުން އަންނަ މައްސަލައެކެވެ. މާލެ ސަރަހައްދުގެ ވައި ނުސާފުވުމަށް ދިމާވެފައިވާ ސަބަބުތަކަކީ، ދަތުރުފަތުރުކުރުމާއި، ކުނި އެންދުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން ޖައްވައް ބޭރުވާ ވިހަ މާއްދާތަކުގެ ސަބަބުންނެވެ.

މާލޭގެ އެއަރ ކުއަލިޓީ ބެލުމުގެ ގޮތުން 3 އަދި 4 ޖޫންގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭގެ ފަރާތުން ވަނީ މާލޭގެ އެއަރ ކުއަލިޓީ ހުރިގޮތުގެ މިންވަރު ބެލުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން، އުޅަނދުފަހަރު ދުއްވަމުންދިޔަ ވަގުތުގަޔާއި، އަދި ފިތުރު ޢީދު ދުވަހު ފައިމަގުގައި އުޅުނު ވަގުތު، ވައިގެ ތެރޭގައި ކާބަން މޮނޮކްސައިޑް، ނައިޓްރޯޖެން ޑައިއޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް އަދި އޯޒޯން ހުރި މިންވަރު ވަނީ ބަލާފައެވެ.

އީ.ޕީ.އޭއިން މި މަސައްކަތް ކޮށްފައިވަނީ ބޮޑުތަކުރުފާނުމަގު ދަރުބާރުގެއާއި ދިމާލުގައެވެ. އެގޮތުން، 3 ޖޫންގައި ވައިގެ ކުއަލިޓީ ބެލުނު ގަޑީގައި އެ ސަރަހައްދުން 1152 އުޅަނދު ދަތުރުކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި 4 ޖޫންގައި، ވެހިކަލް ދުއްވުން މަނާ ގަޑީގައިވެސް 76 އުޅަނދު ދުއްވާފައި ދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.

ޖޫން 3 އަދި 4 ވަނަ ދުވަހު ނެގުނު ޑޭޓާއަށް ބަލާއިރު ނައިޓްރޯޖެން ޑައިއޮކްސައިޑް ފިޔަވާ އެހެން ހުރިހާ މާއްދާތަކެއްގެ ކޮންސެންޓްރޭޝަން ނުވަތަ ބާރުމިން ވަނީ 4 ޖޫންގައި ވަހިކަލް ދުއްވުން މަނާ ވަގުތު ދަށްވެފައެވެ. އެގޮތުން ޖޫން 3 ވަނަ ދުވަހު މާލޭ ސަރަޙައްދުގެ ވައިގެ ތެރޭގައި ސަލްފަރ ޑައިއޮކްސައިޑް ހުރި މިންވަރު 0.53 ގައި ހުރިއިރު، ޖޫން 4 ވަނަ ދުވަހު މި އަދަދު ވަނީ 0 އަކަށް ތިރިވެފައެވެ. ކާބަން މޮނޮކްސައިޑްގެ މިންވަރު ޖޫން 3 ވަނަ ދުވަހު 1.33 ގައި ހުރިއިރު، ޖޫން 4 ވަނަ ދުވަހު މި އަދަދުވެސް ވަނީ 0 އަކަށް ދަށްވެފައެވެ. ޖޫން 3 ވަނަ ދުވަހު ވައިގެ ތެރޭގައި ނައިޓްރޯޖެން ޑައިއޮކްސައިޑްގެ މިންވަރު 0.03 ގައި ހުރިއިރު، ޖޫން 4 ވަނަ ދުވަހު މި އަދަދު އުޅެނީ 0.05 ގައެވެ. އަދި އޯޒޯންގެ މިންވަރު ޖޫން 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުވެސް ހުރީ 0 ގައެވެ.

މި ޢަދަދުތަކަށް ބަލާއިރުވެސް، ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރެވިއްޖެނަމަ ވައި ތަޣައްޔަރުވުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަން އީ.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ. އަދި ވިހާވެސް ގިނައިން ފައިމަގުގައި އުޅޭ ވަގުތުތައް މިގޮތަށް ކަނޑައެޅުން އެއީ އީ.ޕީ.އޭއިން ބާރު އަޅާކަމެއްކަންވެސް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ޢީދުދުވަސްފަދަ ފާހަގަކުރާ ޚާއްސަ ދުވަސްތަކުގައި މާލޭގައި ފައިމަގުގައި އުޅޭ ދުވަސްތަކެއް ކަނޑައަޅާފައެވެ. ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް މާލެއަކީ ކާރޫބާރުބޮޑު، ތޮއްޖެހުން ބޮޑުތަނަކަށް ވުމުން ހިތްހަމަޖެހުމާއެކު ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު އޮންނަނީ ދަތިކަމަކަށް ވެފައެވެ. އެހެންނަމަވެސް މަދުންނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމުން އެފަރާތްތަކަށް ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެންދެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރުގެ ނިޔަލަށް ގްރޭޓަރ މާލޭ ރީޖަންގައި އެކަނިވެސް 58،101 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް "އެއަރ ޕޮލިއުޝަން" ނުވަތަ ވައިގެ ތަޣައްޔަރުކަމެވެ. ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި މަރުވެގެންދާކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވައި ތަޣައްޔަރުވުމުގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ އިތުރަށް، ދުނިޔޭގެ ތިމާވެށްޓަށްވެސް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުންނެވެ.