ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލުން އޮޅުވާލި ޖާގަ ހޯދައިފި


ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލްއިން އޮޅުވާލި ޖާގަ ހޯދައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ބްރައިޓް ޗެލެންޖް ކަޕް މިއަހަރު ކުރިއަށްދަނީ 4 ގުރޫޕްއަކަށް ބަހާލައިގެންނެވެ. ކޮންމް ގުރޫޕްއެއްގައި 3 ޓީމް ހިމެނޭއިރު، އޮޅުވާލި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ އެޓީމް މިއަދު ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ކުޅުނު 2 މެޗް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ.

ގުރޫޕް ސީގައި އޮޅުވާލި އެންމެ ފުރަތަމަ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ޔަންގް ސްޓަރއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިއަދު ހަވީރު ކުޅުނު މެޗް އޮޅުވާލި ކާމިޔާބުކޮށްފައިވަނީ ލެގޫން ވިލާއާއި ވާދަކޮށް 4 ލަނޑު 2 ލަނޑުންނެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އޮޅުވާލި ޓީމްގެ ލަނޑުތައް އެޓީމްއަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ނަސީރު އަދި އަލީ ނަސޫޙުއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާ ނަސޫޙުވަނީ މެޗްގައި ތިން ގޯލް ޖަހާފައެވެ. މެޗްގައި ލެގޫން ވިލާގެ ލަނޑުތައް އެޓީމްއަށް ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުﷲ އެވެ.

ދެ ޓީމްގެ ފަރާތުންވެސް ވަރަށް އަވަސް ކުޅުމެއް މިމެޗްގައި ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ލެގޫން ވިލާގެ ޓީމުން އިތުރު ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރު ކުޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

ގުރޫޕް ސީއިން ކުއާޓަރ ފައިނަލުން ޖާގަ ހޯދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޔަގް ސްޓަރ އަދި ލެގޫން ވިލާ ބައްދަލުކުރާ މެޗުންނެވެ. މިމެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެޓީމަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ޔަގީންވާނެއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ޔުނިކް އެފްސީ އާއި އެފްސީ ބަންގްލާއެވެ. މިމެޗްގައި ވާދަކުރި އެފްސީ ބަންގްލާ ޓީމަކީ ތޮއްޑޫގައި މަސައްކަތް ކުރާ ބިދޭސީންގެ ހިމެނޭ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މިމެޗް 5 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ޔުނިކް އެފްސީއެވެ.

ޔުނިކް އެފްސީގެ ލަނޑުތަށް އެޓީމްއަށް ކާމިޔާބުކޮށްދިނީ ހުސެއިން ނާއިމް، އަބޫބަރުކު، މޫސާ ހަސަން އަދި ހުސެއިން ޝަމީންއެވެ. ހުސެއިން ނައީމް މެޗުގައި ދެ ލަނޑު ޖެހިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމްއަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.