ޚަބަރު

ރަށްރަށުގެ އާންމު ހާލަތު މިދަނީ ބަލަމުން- އެންޑީއެމްއޭ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ރަށްތަކުގެ އާންމު ހާލަތު ކައިރިން ބަލައި ލިބެމުންދާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ރަށްރަށުގެ ހާލަތު ބަޔާންކޮށް އެންޑީއެމްއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރަށްރަށަށް ލިބިފައިވާ ގެނއްލުންތައް ދެނެގަތުމަށް ހަދާ އެސެސްމަންޓް ބައެއް ރަށްރަށުން މިހާރު ލިބިފައިވާކަމަށެވެ. އަދި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ފެން ހިންދާ ޕަންޕާއި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނިފަދަ ތަކެތި ކައުންސިލްތަކާށާއި އެމްއެންޑީއެފާއި ފުލުހުންނަށް ފޯރުކޮށްދީފައިވާކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ މި ވިއްސާރާގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރެވެހި، ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެ، ހިފާ ގެންގުޅޭ ތަކެއްޗާއި މުދަލަށް ގެއްލުންލިބިގެން ރިޕޯރޓް ކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެގޮތުން އިއްޔެ ހ.ދ ކުޅުދުއްފުއްޓާއި، ހ.ދ. ނޮޅިވަރަމް އަދި އ.ދ ދިގުރަށަށް ބޯކޮށް ވާރެވެހި، މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ތަކެއްޗަށް ގެއްލުންވެފައިކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން ހ.ދ ކުޅުދުއްފުއްޓަށް އިއްޔެ މެންދުރު ފަހުން ފެށިގެން ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ވިއްސަށްވުރެން ގިނަ ގޭގެއަށް ފެންވަދެ 4 ގެއަކުން މީހުން ބަދަލުކޮށްފައިވާއިރު އެރަށު ކައުންސިލާއި ގުޅިގެން 2 ގެއަކުން އެގާރަ މީހަކު ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އަދި ނޮޅިވަރަމަށް ކުރި ވިއްސާރާއިގައި އެރަށުގެ 15 ގެއަކަށް ފެންވަދެ 2 ގެއެއްގެ މީހުން އަމިއްލަ ގޮތުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން ހޯމަ ދުވަހު ގއ.މާމެންދޫގެ 3 ގެއެއްގެ ފުރާޅާށްގެއްލުންވެ އެއް ގޭގެ ފުރާޅު އެއްލާލުމުގެ ހާދިސާއެއް ހިނގާފައިވާއިރު އެ ގޭގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހަކާއި އެނާގެ ތިމާގެ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ.

ކުރިއަށް އޮތް ތިންދުވަހުވެސް ރާއްޖެގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް މޫސުމާއިބެހޭ ޤަޢުމީ އިދާރާއިން ލަފާ ކޮށްފައިވާތީން، ފެންބޮޑުވުމުގެ ޙާދިޠާއެއް ކުރިމަތިވެދާނެތީން އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރޮޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮޅިގަނޑުގައި ގަދައަށް ވައިޖެހުމުގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލާލުމާއި ގަސްގަހާ ގެހި ފުރާޅުމައްޗަށާއި ފާރު މައްޗަށް ވެއްޓުމާއި އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ދިއުންފަދަ ހާދިސާތައް ކުރިމަތި ވެދާނެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކުރިއާލާ ތައްޔާރުވުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ރަށްރަށުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަންޕާއި ގޯނި ފަދަ ތަކެތި ބޭނުން ކުރެވޭ ފަދަ ހާލަތްތަކުގައި ބެހެއްޓުމަށާއި ލިބޭ ގެއްލުންތަކުގެ ފުރިހަމަ މަޢުލޫމާތު ވީއެންމެ އަވަހަށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުމަށް އެއޮތޯރިޓީއިން ވަނީ ކައުންސިލްތަކަށްވެސް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރަށް ނިކުތުމުގެ ކުރިން ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ސަމާލުވުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.