ޚަބަރު

ވައި ނުސާފުމުގެ ނުރައްކާ ފަރުތަކަށްވެސް އެބައޮތް - ޑރ.ޙުސައިން ރަޝީދު


ރާއްޖެ ޙިމާޔަތްކުރުމަށް ގުދުރަތީގޮތުން ލައްވާފައިވާ ފަރުތަކަށް، ވައި ނުސާފުވުމުގެ ސަބަބުން ގެއްލުންވަމުންދާކަމަށާ ވައި ނުސާފުވުން ހުއްޓުވުމަށް އަވަސް ޙައްލެއް ގެންނަން ޖެހިފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

ކޮންމެ އަހަރެއްޖެ ޖޫންމަހުގެ 5ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ތިމާވެށި ޚިމާޔަތްކުރުމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ތިމާވެށި ދުވަހާ ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ ވައި ނުސާފުވުމުގެ ސަބަބުން ގެއްލުންވަމުންދަނީ އިންސާނުންނަށް އެކަނި ނޫންކަމަށާ، އެކަމުގެ ނުރައްކާ ތިމާވެއްޓަށްވެސް ވަރަށްބޮޑަށް ކުރަމުންދާކަމަށެވެ. އަދި އެއީ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤުދުރަތީ ގޮތުން މިރާއްޖެ ޙިމާޔަތްކުރުމަަށް ލައްވަވާފައިވާ ފަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވައި ނުސާފުވެގެން ދިމާވާ މައްސަލަތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ވައި ނުސާފުވާ ފަދަ މާއްދާތައް ކުނީގެގޮތުގައި އެންދުމުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާއިރު މީގެ ސީދާ ނުރައްކާ ފަރުތަކަށް އެބައޮތްކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ތަކެތި އެންދުމުގެ ސަބަބުން އަރާދުމުގައި ގްރީހައުސް ގޭސްތައް ޖައްވަށް ބޭރުވުމުގެ ސަބަބުން ދުނިޔެ މިދަނީ ހޫނުވަމުން. އޭގެ ނަތީޖާއަކަށްވަނީ ކަނޑުގެ ލޮނުގަނޑު އުފުލި ފަރުތައް ހުދުވަމުން ދިޔުމުގެ ސަބަބުން ފަރުތައް މިދަނީ ނެތެމުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައިވެސް ވައި ނުސާފުވާ ގިނަ ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ކަނޑުގައާއި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު އެއިން ނުކުންނަ ދުމަކީ ކުރިމަތިވަމުންދާ ނުރައްކަލެއްކަން މިނިސްޓަަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާތަނަށް ކުނި މެނޭޖުކުރަމުންދާ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫންކަމާ އޭގެސަބަބުންވެސް ވައި ނުސާފުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގައި ހަކަތަ އުފެއްދަމުން ގެންދަނީވެސް ވައި ނުސާފުވެ ތިމާވެއްޓަށް ގެއްލުންވަމުންދާ ނިޒާމެއްގެ ތެރެއިންކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިމައްސަލަ ޙައްލުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށްވެސް މިނިސްޓަރވަނީ އަލިއަޅުއްވާލައްވާފައެވެ.

"ގަސް އިންދުން އިތުރުކޮށް، ކުޅިތަކާއި ޗަސްބިންތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކަކީ އެނަރޖީ އެފީޝިއަންސީ ގޮތްތަކެއްތޯ ބަލަންޖެހޭ، ހަމައެއާއެކު ފައިމަގުގައި ދެވޭ ފަދަ ތަންތަނަށް ފައިމަގުގައި ދިޔުމަށް އާދަކުރުމަކީ ފަރުދީ ގޮތުން ކުރެވިދާނެކަންކަން." މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ވައި ނުސާފުވުން" މިޝިޢާރެވެ. ވައި ނުސާފުވުމާގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު މިކަމުގެ ސީރިއަސްކަންވެސް ދެނެގަންނަން އެބަޖެހެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހެއްގެ ތެރެއިން 9 މީހުން ނޭވާލަމުން ގެންދަނީ ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައެވެ. އަދި ކޮންމެ 10 މީހަކުން އެކަކު މަރުވަނީ ވައި ނުސާފުވުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުގައެވެ.