މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފް (ބަކާ)ގެ ފުޓްބޯޅަ އެކަޑަމީއެއް ހއ ދިއްދޫގައި ހުޅުވައިފިއެވެ.
މިއަހަރުގެ ފިތުރު ޢީދުދުވަހު ދިއްދޫގައި ފެށި މި އެކަޑަމީ ހުޅުވާ ދެއްވީ ދިއްދޫ ދާއިރާގެ މަޖިލީސް މެމްބަރު ޢަބްދުﷲ ވަހީދެވެ. ދިއްދޫގެ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ހާއްސަކޮށްގެން ހުޅުވި މި އެކަޑަމީ ދިއްދޫގައި ކުރިއަށްގެންދަނީ ދިއްދޫގެ ފުޓްބޯޅާގައި ފާހަގަކޮށްލެއްވޭ ކާމީޔާބީތައް ހޯދާފައިވާ ބީއެކްސް ސްޕޯރޓްސް ކްލަބުގެ ފަރާތުންނެވެ.
ބަކާ އެކަޑަމީގެ ފަރާތުން ދިއްދޫގެ 12 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ރަނގަޅު އަޚްލާގެއްގެވެރިބަޔަކަށް މިކުދިން ހެދުމަކީވެސް ވަރަށްބޮޑު އެއްއަމާޒުކަމުގައި ބަކާ ފައުންޑޭޝަނުން ހާމަކުރެއެވެ.
ބީއެކްސް ސްޕޯރޓްސް ކުލަބުން މަޢުލޫމާތުދޭގޮތުގައި މިއެކަޑަމީއަށް ވަރަށް ބޮޑު ތަރުޚީބެއް މިހާރުވެސްދަނީ ލިބެމުންނެވެ. އެގޮތުން މިހާރުވެސް 128 ދަރިވަރުން މިއެކަޑަމީގައި ރަޖިސްޓްރީވެފައިވާއިރު އިތުރު ކުދިންނަށްވެސް ފުރުސަތުހުޅުވާލުމުގެ ވިސްނުމެއް ގެންގުޅޭކަމަށްވެސް އެކުލަބުން މަޢުލޫމާތުދެއެވެ.
މިއެކަޑަމީގެ ފައުންޑަރ މުޙައްމަދު އާރިފް (ބަކާ) ބުނީ މިއެކަޑަމީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ދިއްދޫގައިވެސް ޤަޢުމީ ޓީމަށް ކުޅެވޭނެ ކުޅުންތެރިން އުފެއްދުންކަމަށާއި ފުޓްބޯޅައަށް ރަނގަޅު ޚިދުމަތެއް ކޮށްދިނުންކަމަށެވެ.
ދިއްދޫގެ މިއެކަޑަމީއަކީ ބަކާގެ ފުރަތަމަ އެކަޑަމީއެވެ. ނަމަވެސް މުސްތަޤުބަލުގައި ރާއްޖޭގެ ކޮންމެވެސް އެހެން ރަށެއްގައި ނުވަތަ މާލޭގައިވެސް ބަކާގެ އެކަޑަމީގެ ގޮތްޕެއް ހުޅުވޭނެކަމަށް އާރިފް ބުންޏެވެ.