ކުޅިވަރު

ދާންދޫ ރަމަޟާން ކަޕް 1440ގެ ކުޅުން މާދަމާރޭ ފަށަނީ


މިއުސިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް (އެމްއީއެސްސީ) އިން އިންތިޒާމުކޮށްގެން ގއ.ދާންދޫގައި ބާއްވާ ރަމަޟާން ކަޕް 1440ގެ ކުޅުން މާދަމާ ފަށަން ހަމަޖައްސައިފިއެވެ.

ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މިއަހަރު އަށް ޓީމް ވަނީ ބައިވެރިވެފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމަކަށް ސެމީފައިނަލުން ޖާގަ ލިބޭނެއެވެ.

ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަޕް ޓީމަކަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުޝައަޅާފައިވާ މިމުބާރާތުގައި ފެއާ ޕްލޭ ޓީމަށް ދިހަ ހާސް ރުފިޔާ އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް، ކޮންމެ ކުޅުންތެރިއަކަށް އެއްހާސް ރިފިޔާގެ އިތުރުން ފެއާޕްލޭ ކުޅުންތެރިޔާއަށް އެއްހާސް ރުފިޔާ އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށްވެސް އެއްހާސް ރުފިޔާގެ ފައިސާގެ އިނާމް އެމްއީއެސްސީ އިން ވަނީ ހުޝައަޅާފައެވެ.

މުބާރާތުގެ ކުޅުން މާދަމާ ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ކްލަބް ޒިޔޯން އާއި ޔުނައިޓެޑް ޒިއޯންއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ މޭރީ ސްޕޯޓްސް އާއި ކްލަބް ރެވެންޖާސްއެވެ.

ސެމީފައިނަލުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 11ވާ އަންގާރަ ދުވަހުއެވެ. އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 13ވާ ބުރާސްފަތި ދުވަހުއެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދޭ ގޮތުގައި، މިމުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދީ، ފުޓްސަލްއިން ކުރިއަށްދާން ބޭނުންވާ ޒުވާނުނަނަށް އެފުރުސަތު ހޯދައިދީ، އަދި ޒުވާނުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.

މިމުބާރާތާއި ގުޅޭގޮތުން ގއ.ދާންދޫން ކައުންސިލްގެ ރަޢީސް އިސްމާއީލް މުޙައްމަދު ވިދާޅުވީ، މިފަދަ މުބާރާތްތަށް ކުރިއަށް ގެންދާތީ އުފާވާ ކަމަށާއި، ދެޖިންސުގެ ޒުވާނުންނަށްވެސް މިފަދަ ގިނަ މުބާރާތްތަށް، ރަށުގެ ކްލަބް ޖަމްޢިއްޔާތަކުން އިންތިޒާމުކުރާތަން ދެކެން ބޭނުންވާ ކަމަށެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކި ޑެވައިން ބޯއީސްއެވެ. އަދި މިއީ މެދުކެނޑުމެއްނެތި މިމުބާރާތް ބާއްވަމުން އަންނަތާ 13 ވަނަ އަހަރެވެ.