ޚަބަރު

އާސަންދަ ހުސްވަނީއެއް ނޫން، ރާއްޖޭއިން ލިބޭ ޚިދުމަތެއްނަމަ އާސަންދަ ނުދެނީ


ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭ އިންޝުއަރެންސް ސްކީމް، އާސަންދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަރުވާ ކުރަމުންދާ ފަރާތްތަކުގެ އާސަންދަ ހުސްވާކަމުގެ އަޑުތައް ފަަހކަށްއައިސް ވަނީ ފެތުރެން ފަށާފައެވެ. ހުސްނުވާ އާސަންދައިގެ ނަމުގައި ދެމުންދާ މިޚިދުމަތަށް މިވަނީ ކިހިނެއްބާއެވެ؟

އާސަންދައަކީ ދިވެހިރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ދެމުންދާ މުހިންމު ޚިދުމަތެކެވެ. މިއީ އެންމެހައި ދިވެހިންގެ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. އެހެން ނަމަވެސް އާސަންދަ އޮޕަރޭޓްކުރަނީ އިންޝުއަރެންސް ކުންފުނިތައް ހިންގާ އުސޫލަކުން ނޫނެވެ.

ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް މިސްކީމްގެ ދަށުން ފޮނުވާއިރު އެއީ ރާއްޖެއިން ލިބެން ނެތް ޚިދުމަތެއްކަން އާސަންދަ އޮފީހުން ކަށަވަރުކުރެއެވެ. މިކަން ކުރުމުގެ ސަބަބުތައްވެސް އެބަހުއްޓެވެ. އާސަންދައަކީ ދިވެހި ކޮންމެ ފަރުދެއްގެވެސް ޙައްގަކަށްވާއިރު މިޚިދުމަތް ފޯރުކޮށްދެވެނީ އެންމެ އެދެވޭގޮތެއްގައިކަން ކަށަވަރުކުރުމަކީ އާސަންދަ ކުންފުނީގެ މަސްއޫލިއްޔަތެކެވެ.

މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ބޮޑު ޚަރަދަކަށްވާއިރު އާސަންދައިގެ ޚަރަދު ބޮޑުވުމުގެ ސަބަބުން މުޅި މުޖުތަމަޢުގެ ލާބަޔަށް ކުރަން ހުންނަ ބައެއް ކަންކަން ކުރުމަށް ސަރުކާރަށް ގިނަ ހުރަސްތަކެއް މެދުވެރިވެއެވެ. މީގެއިތުރުންވެސް ރާއްޖެއިން ލިބެން ހުންނަ ސިއްޙީ ޚިދުމަތްތައް ރާއްޖެއިންބޭރުން ހޯދާމީހުންގެ ނިސްބަތް އިތުރުވުމުގެ ސަބަބުން ރާއްޖޭގައި ލިބެންހުރި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. މިފަދަ މައްސަލަތައް ޙައްލުކޮށް ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވާފައިވާ އެއް ފިޔަވަޅަކީ ރާއްޖެއިން ލިބެންހުންނަ ސިއްޙީ ޚިދުމަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް އާސަންދަ ހަމަޖައްސައި ނުދިނުމެވެ.

އެހެންކަމުން އާސަންދައިގެ ޚިދުމަތް ހޯދަން އެދިގެން އަންނަ ބައެއްފަރާތްތަކަށް މިފަދަ ބައެއް ޙާލަތްތަކުގައި އާސަންދަ ހަމަނުޖެހުމަކީ ހިނގާކަމެކެވެ. އެއީ އެކަމެއްގެ ފަރުވާ ރާއްޖޭގައި ލިބެން ހުންނަ ޙާލަތުގައެވެ. މިޙާލަތުގައިވެސް ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާ ދެމުންގެންދާ ޑޮކްޓަރަކު އެމީހަކު ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެދިއްޖެނަމަ އާސަންދައިން އެމީހަކު ފޮނުވައިދެއެވެ.

ރާއްޖެއިން ބޭރަށް ފޮނުވާ ޙާލަތުގައި އާސަންދައިން ފުރަތަމަދޭ ލިޔުމުގައި ކަވަރޭޖްގެ ވަކި ލިމިޓެއް އޮންނާނެއެވެ. އަދި މިލިޔުމުގައި ބަޔާންކޮށްފައިވާ ކަވަރޭޖް ލިމިޓަކީ ފަރުވާ ހޯދުމަށްދާ މީހާގެ ފަރުވާ ފެށުމުގެ ގޮތުން ޑޮކްޓަރަށް ދެއްކުމަށާއި ތަހުލީލުތައް ހެދުމަށް ހިނގާނެ ޚަރަދުތައްކަމަށް ބަލައި ދެވޭ ކަވަރޭޖް ލިމިޓެކެވެ.

މީގެ އިތުރުން، ދެން އިތުރަށް ޚަރަދު ހިނގާނަމަ ހިނގާނެ ޚަރަދާއި އެއީ ކޮންޚަރަދެއްކަން އާސަންދައަށް އެނގުމުން އެއީ ފޮނުވުނު ފަރުވާއާގުޅޭ ޚިދުމަތެއްކަމާއި އެކަމަށް ހިނގަނީ އެކަށީގެންވާ އަގެއްކަން ޔަގީންކުރުމަށްފަހު އާސަންދައިން ކަވަރޭޖްގެ ލިމިޓް އިތުރުވެސް ކުރާނެއެވެ. އަދި އެކަން ބޭސްފަރުވާ ހޯދަމުންގެންދާ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށް އެނގުމަށް ލިއުމެއް ފޮނުވާނެއެވެ.

އެހެންނަމަވެސް މިއީ ރާއްޖެއިން ހެދޭ ޓެސްޓްތަކެއްކަމަށާއި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް އާސަންދައަށް ޤަބޫކުކުރެވޭ ޙާލަތުގައި އެކަމަށްއެދި ހުށައާޅާ ހުށައެޅުން އާސަންދައިން ބަލައިނުގަންނާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. ގިނަ ފަރާތްތަކަކުން އާސަންދަ ހުސްވާކަމަށް ބުނަނީ މިފަދަ ޙާލަތުގައިނަމަވެސް މިއީ އާސަންދަ ހުސްވަނީ ނޫންކަމަށާއި، އާސަންދަ އަކީ އިގުތިޞާދުކުރެވިގެން ދެވޭ ޚިދުމަތަކަށް ހެދުމަށް މިއީ އާސަންދަ ކުރިއަށްގެންދާ އުސޫލުކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދާއިން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އެންމެ އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.

އާސަންދައިގެ ހިންގުން ހަރުދަނާކުރުމަށް އެކުންފުނިން އަންނަނީ އުސޫލުތައް އަލުން މުރާޖަޢާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެހެންނަމަވެސް ޚިދުމަތްހޯދާ ފަރާތްތަކަށް ދިމާވާ ދަތިތައް އާސަންދަ ކުންފުންޏާ ހިއްސާނުކޮށް އެކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި ބަންޑުންކޮށްލުމަކީ ހިނގާކަމެއްކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ހުށައެޅުމަށް އާސަންދަ ކުންފުނީގައި 24 ގަޑިއިރު އޮޕަރޭޓްކުރާ ހޮޓްލައިނެއް ޤާއިމުކޮށްފައިވާނެކަމަށާ، ޝަކުވާތައް އާސަންދަ އޮފީހާ ޙިއްސާކުރުމުން ޙައްލުކުރަންޖެހޭ ކަންކަން ހައްލުކުރުން އަވަސްވެ އޮޅުންއަރާ ކަންކަމުގެ މަޢުލޫމާތު ފަސޭހައިން އޮޅުންފިލާނެކަން އާސަންދައިން ފާހަގަކުރައްވައެވެ.