ޚަބަރު

ދަނޑުވެރިކަމުގެ ސިނާއަތުގައި %53 އަކީ އަންހެނުން


ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ %53 އަކީ، އަންހެނުންކަމަށް ދަނޑުވެރިންގެ ދަފްތަރުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ދަނޑުވެރިކަމުގެ ދަފްތަރުގައި ޖުމްލަ 7000 ދަނޑުވެރިން ވަނީ ރަޖިސްޓްރީކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ އެގްރިކަލަޗަރ ޕްރޮޑަކްޝަން އެންޑް ޕްރޮޑަކްޓް ޑައިވަރސިފިކޭޝަން ސެކްޝަންގެ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މި 7000 ދަނޑުވެރިންގެ ތެރެއިން 53 އިންސައްތަ ދަނޑުވެރިންނަކީ އަންހެނުންކަމަށެވެ. އަދި ފިރިހެން ދަނޑުވެރިންގެ ނިސްބަތަކީ 47 އިންސައްތައެވެ.

"މިނިސްޓްރީން ބަލަހައްޓަމުންގެންދަން ދަނޑުވެރިންގެ ދަފްތަރެއް. އެންމެ ހަރުދަނާ ނޫންކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް އެ މަސައްކަތް އެބަ ކުރިއަށްގެންދަން. މިހާތަނަށްވެސް 7000 ދަނޑުވެރިން މިނިސްޓްރީގައި ދަފްތަރު ކުރެވިފައިވޭ. މި 7000 ދަނޑުވެރިންގެ ތެރެއިން %53 އަކީ އަންހެނުން. ބާކީ %47 އަކީ ފިރިހެނުން." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި އަންހެނުން ހިއްސާވާ އަދަދު އިތުރުވުމުގެ އެމީހުން ބާރުވެރިކުރުވުމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ލޯނު ޕްރޮގުރާމްގައިވެސް އަންހެނުންނަށް ޙާއްސަ އިސްކަމެއް އަންނަނީ ދެމުންނެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީން ޕްރޮގުރާމްތަކުގައިވެސް ފިރެހެނުންނަށްވުރެ އަންހެނުންގެ ނިސްބަތް އިތުރެވެ. މިއަހަރުގެ މިހާތަނަށް މިނިސްޓްރީން ހިންގި ތަމްރީން ޕްރޮގުރާމްތަކުގައި 138 އަންހެނުން ބައިވެރިވެފައިވާއިރު ފިރެހެނުންގެ ނިސްބަތް އުޅެނީ 87 ގައެވެ.