ސިއްހަތު

އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުން އައިޖީއެމްއެޗަށް ނާރުގެ ޑޮކްޓަރެއް ގެންނަނީ


މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ، ބޮލަށް ލިބޭ އަނިޔާތައް އިތުރުވެފައިވާތީ އައިޖީއެމްއެޗަށް ނާރުގެ ޑޮކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ނާރުގެ އޮޕަރޭޝަން ކުރެވޭނެ ގޮތް އައިޖީއެމްޗުގައި ހަމަޖެއްސުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޚިދުމަތް އައިޖީއެމްއެޗުގައި ފަށާނެކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ނާރުގެ އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ހެދުމަށް އިންޑިއާއިން ޑޮކްޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަލީމް ވިދާޅުވީ ދާއިމީ ޑޮކްޓަރެއް ގެނެސް ވަރަށް އަވަހަށް، ނާރުގެ ބަލިތަކަށް ދާއިމީ ގޮތެއްގައި އައިޖީއެމްއެޗުން ފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

"ވަރަށް އަވަހަށް އެބަ ގެންނަން އިންޑިއާގެ މިއޮޓް ހޮސްޕިޓަލްގެ ޑޮކްޓަރެއް. އަދި މިގެންނަނީ އެއް މަހުގެ ޓްރަޔަލް ޕީރިއަޑަކަށް. އެއަށްފަހު ޚިދުމަތްދޭގޮތަށް ބަލާފައި ދާއިމީ ޑޮކްތަރެއް ގެންނާނީ" ސަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ނާރުގެ އޮޕްރޭޝަން ނުކުރެވޭތީ، އެފަދަ ބަލިމީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި، އޭޑީކޭ ހޮސްޕިޓަލާއެކު އައިޖީއެމްއެޗުން ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗަށް ގެންނަ ބަލިމީހުން އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗުން އޭޑީކޭއަށް ގެންދިއުމުގެ ކަންކަން ފަސޭހަ ވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ނަމަވެސް މި ޚިދުމަތަށް އާސަންދަ ލިބޭނީ އޭޑީކޭއާއި އާސަންދައިން އެއްބަސްވެފައިވާ އުސޫލުގެ ދަށުންނެވެ.