ޚަބަރު

ޢީދާ ދިމާކޮށް ފެންކުޅި ކުޅޭނެ ސަރަހައްދުތަކެއް އައްޑޫ ސިޓީގައި ކަނޑައަޅައިފި


ފިޠުރު ޢީދާއި ދިމާކޮށް އަވަށްތަކުގައި ފެންކުޅި ކުޅޭނެ ސަރަހައްދުތަކެއް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ގުޅޭ ގޮތުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޢީދުގެ އުފުލައުގައި ފެންކުޅި ކުޅުމަކީ އައްޑޫސިޓީގައި އާންމުކޮށް ކުރާ ކަމެއްނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީ އައްޑޫގައި އަވަށްތަކުގެ ވަކި ސަރަހައްދުތަކެއްގައި ފެންކުކުޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫގެ 6 އަވަށުގެ ތެރެއިން ކޮންމެ އަވަށެއްގެވެސް ވަކި ސަރަހައްދެއް ފެންކުޅިކުޅުމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެއި؛

ހިތަދޫ - ބަނދަރުމަތީ ފަތާ ސަރަހައްދު
މަރަދޫ - ކުޑަކުދިންގެ ޕާކު
މަރަދޫ ފޭދޫ - ރަށިކެޑެ ( ފެންތާންގީ ސަރަހައްދު)
ފޭދޫ - ބަނދަރު އުތުރުފަރާތު ފަސްގަނޑު
ހުޅުދޫ - ބޮމާ ފަންނު ސަރަހައްދު / ފެން ޕްލާންޓް އިރުމަތީ ޕާކު ސަރަހައްދު
މީދޫ - އީދި ގަމޫލު

އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި ޢީދު ބަންދު ދުވަސްތަކުގެ ތެރޭގައި މިސަރަހައްދުތަކުގައި ފެންކުޅިކުޅުމުގެ ފުރުޞަތު ދެވޭނެކަމަށެވެ. ނަމަވެސް މިކަމަށް ވަކި ގަޑިއެއް ކައުންސިލުން ހަމަޖައްސާފައެއް ނުވެއެވެ. އައްޑޫސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އައްޑޫގެ އެއްވެސް އަަވަށެއްގައި މިނޫން ސަރަހައްދެގައި އީދު ބަންދުތެރޭގައި ފެންކުޅި ކުޅުމަކީ މަނާ ކަމެކެވެ.