ފިތުރު ޢީދާ ދިމާކޮށް މާލެއާ ރަށްރަށުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު މުޖުތަމައުގެ އަމަން އަމާންކަން ނުގެއްލޭ ގޮތަށް ޢާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ނުވެ ކަންކަން ކުރިއަށްގެންދިއުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފިތުރު ޢީދާއި ގުޅިގެން މާލެއާ އަތޮޅުތަކަށް ދަތުރުކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ފިތުރު އީދާ ދިމާކޮށް މިފަހަރުވެސް ގިނަ ޢަދަދެއްގެ ބަޔަކު މާލެއާ އަތޮޅުތަކަށް ދަތުރުކުރައްވާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މިހާއުވެސް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ފުލުހުން ޤާއިމުވެތިބޭ ރަށްރަށާއި ޤާއިމްވެ ނުތިބޭ ރަށްރަށުގައި ޚާއްސަ ސަމާލުކަންދީގެން މަސައްކަތް ފަށާފައިވާކަން ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.
މީޑިއާއަށް މަޢުލޫމާތުދެއްވަމުން ހެޑް އޮފް ނޮދަން ޑިވިޝަންސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ޢީދު ޗުއްޓީ ހޭދަކުރުމަށާއި، ތަފާތު ހަރަކާތްތައް ހިންގުމަށް ރަށްރަށަށް ދަތުރުކުރާއިރު، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށާއި، ފުލުހުން އުޅަނދުތަކަށް އަރާ ޤަވާޢިދާ އެއްގޮތަށްތޯ ބަލައި ފާސްކުރަމުންދާނެކަމަށެވެ. އަދި ޢީދާ ދިމާކޮށް ރަށްރަށުގައި ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލާމަތީކަންކަން ބަލަހައްޓައިދިނުމަށް އެދެމުންދާކަން ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.
"އާންމުގޮތެއްގައި ރަށްރަށުގައި މިދިމާވާ މައްސަލަތަކަށްބަލާއިރު، ފުޓް ބޯޅަ މުބާރާތާއި، ވޮލީ މުބާރާތަކާއި، އަދި އެހެނިހެން ކުޅިވަރު މުބާރާތްތަކުގައި އެބަހުރި ކޮންމެވެސް ވަރަކަށް މާރާމާރީ ހިނގާފައި. އަދި ފުލުހުން އެޓެންޑްވެ ހައްލުކުރަންވެސް ޖެހިފައި އެބަހުރި. މީގެ އިތުރުން ޢީދު ދުވަހަކީ ފެންކުޅި ކުޅިވަރު އޮންނަ ދުވަހަކަށްވާތީ އެކަންކަން ކުރިއަށް ގެންދިއުމުގައިއާއި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުނުވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން" އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވަނީ ރަށްރަށުން މާލެ އައިސް އުޅޭ އުޅުމުގައި ގެންގުޅޭ ފައިސާއާއި އަތްދަބަސް ފަދަ ތަކެއްޗަށް ސަމާލުވުމާއި، އީދަށް ތަންތަންނަށް ފުރާއިރު ގޭ ތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާލޭ ޕޮލިސްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ ކޮންމެ ޢީދަކާ ދިމާކޮށްވެސް ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅޭކަމަށާއި، ޗުއްޓީއާ ދިމާކޮށް މާލޭގެ ގެސްޓް ހައުސްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި، ގޭތަކަށް ވަދެނިކުމެ އުޅޭ މީހުން އެނގޭނެފަދަ ގޮތަކަށް ސީސީ ޓީވީ ކެމެރާ ހަރުކުރުން މުހިންމުކަމަށެވެ. މާލޭގެ ސަލާމަތީކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން މާލޭގެ އެކި ތަންތަނުގައި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާވެސް މަޝްވަރަކޮށް މުހިއްމު މައުލޫމާތުތަކެއް ދެއްވާފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
"ހަދަމުންދާ އިމާރާތްތްކުގެ ކައިރީގައި ހުންނަ ގޭތަކުގައި ދިރިއުޅޭ ފަރާތްތަކުން އެފަދަ އިމާރާތްތަކުން ތިޔަ ބޭފުޅުން ދިރިއުޅުއްވާ ގެއަށް ފަސޭހައިން ނުވަދެވޭގިތަށް އެދިމާތަކަށް ހުންނަ ދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުން މުހިންމު. އަދި ގޭގައި ގިނަ އަދަދެއްގެ ފައިސާ ނުބެހެއްޓުމާިއ، ފިހާރަތަކުގައި ސޭލްސް ރޭގަނޑު ނިންމުމަށްފަހު ގިނަ އަދަދަކަށް ފައިސާ ބެހެއްޓުން ރައްކާތެރިއެއްނޫން" ހެޑް ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާރަކަށް އައިސް ފާހަގަކުރެވޭ ވައްކަމުގެ މައްސަލަތަކަކީ ދުރާލާ ރާވައިގެން ހިންގާ ވައްކަމަށްވުރެ ބޮޑަށް ފުރުސަތު ތަނަވަސްވެފައި ހުރުމުން އެފުރުސަތު ލިބިގެން ކުރާ ވައްކަންތައްކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ޢީދު ބަންދުގައި ރިޕޯޓު ކުރެއްވިފައިވާ ވައްކަމުގެ މައްސަލަތަކަށްބަލާއިރު، 2016 ވަނަ އަހަރު ޢީދު ބަންދުގައި މާލެ ސިޓީގައި ރިޕޯޓުކޮށްފައިވަނީ ދުއިސައްތަ ތިރީސް ހަ މައްލައެވެ. 2017ވަނަ އަހަރު ދުއިސައްތަ ހަ މައްސަލައެވެ. އަދި ނިމިދިޔަ 2018ވަނަ އަހަރު ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ޢަދަދަކީ ސަތޭކަ ފަންސާސް އަށެކެވެ. ފުލުހުން ވިދާޅުވީ އަމާޒަކީ މިއަހަރު ޢީދާ ދިމާކޮށް ހިނގާ ވައްކަމުގެ މައްސަލަ ކުރީގެ ތިން އަހަރަށްވުރެވެސް މަދުކުރުން ކަމަށެވެ.