ޚަބަރު

އައިއެމްޓީއެމް ފެއާގެ ޕާޓުނަރުންނާއިއެކު ސޮއިކޮށްފި


މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް2019) ފެއާ ޕާޓްނަރުންނާއިއެކު މިއަދު ސޮއިކޮށްފިއެވެ.

އައިއެމްޓީއެމްގެ ޕާޓުނަރުންނާއިއެކު ސޮއިކޮށްފައިވަނީ، މިކަމަށްޓަކައި މާގިރި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އައިއެމްޓީއެމްގެ ޕާޓުނަރުންގެ ގޮތުގައި މިފަހަރު 26 ފަރާތެއް ހަރަކާތްތެރިވާނެއެވެ. މިފަހަރުގެ ފެއާގެ ފާހަގަކޮށްލެވޭ ބައެއް ޕާޓުނަރުންނަށް ބަލާއިރު، މެއިން ޕާޓްނަރަކީ އެސްޓްރަބޯންއެވެ. އެކަމަޑޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިލާ ހޮޓެލްސް ހަމަޖައްސާފައިވާއިރު، މެއިން މީޑިއާއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސް ބާއްވާ މި ފެއާގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ ޓޫރިޒަމް އިތުރަށް މާކެޓްކޮށް، މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުންކަމަށް، ފެއާ އިންތިޒާމްކުރާ އައިއެމްޓީއެމުން ބުނެއެވެ. މިއަހަރުގެ އައިއެމްޓީއެމް ފެއާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުށީގައި ޖޫންމަހުގެ 26 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރުގެ އައިއެމްޓީއެމް ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 300 ކުންފުންޏަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު، ރާއްޖެއިން ބޭރުގެ 25 ކުންފުންޏަކުން ބައިވެރިވާނޭކަމަށް ފެއާ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއާ ބާއްވާފައިވަނީ، އަދާރަން ސިލެކްޓް ހުދުރަން ފުށީގައެވެ. އެފަހަރުގެ ފެއާގައި ރާއްޖޭގެ 330 ކުންފުންނަކުން ބައިވެރިވެފައިވާއިރު، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގިނަ ކުންފުނިތަތަކުން ވަނީ ބައިވެރިވެފައެވެ.