ޚަބަރު

ހޯމް މިނިސްޓްރީން ޢީދު ދުވަހު ކުޑަކުދިންނަށް ހަދިޔާ ބަހަނީ


މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ޢީދު ދުވަހު ކުޑަކުދިންނަށް ޢީދު ހަދިޔާ ބެހުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އީދު ދުވަހުގެ ހަވީރު 16:00-18:00އަށް ރަސްފަންނުގައި ހަދިޔާ ބެހުން ކުރިއަށްދާނެއެވެ. މި ޙަރަކާތް ކުރިއަށްދާއިރު މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރިއަށްދާނެ ކަމަށްވެސް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މި ކުޑަކުދިންގެ ހަވީރުުގައި އެކުދިން ޝައުގުވެރިވާފަދަ ކަރޓޫން ކެރެކްޓަރސްވެސް ހަރަކާތްތެރިވަމުންދާނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ހޯމް މިނިސްޓްރީން ކުރިއަށްގެންދާ މި ހަރަކާތަކީ އެ މިނިސްޓްރީން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައިވެސް ކުޑަކުދިންނަށް ވަނީ ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ކުޑަކުދިންނަށް އުފާވެރި އަދި އަމާން މާހައުލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންވެސް އަންނަނީ ގިނަ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

ކަލަންޑަރގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދަކީ ޖޫން މަހުގެ 4 ވާ އަންގާރަދުވަހެވެ.