ޚަބަރު

މޯދީ މަޖިލީހުގައި ތަޤުރީރުކުރައްވާނީ މިމަހުގެ 8ވަނަ ދުވަހުގެރޭ


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ މިމަހުގެ 8 ވާ ހޮނިހިރު ދުވަހުގެރޭ އެކަމަށްޓަކައި ބާއްވާ ޚާއްސަ ޖަލްސާގައިކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މޯދީ މަޖިލީހުގައި ތަޤުރީރުކުރައްވާނީ ޖޫންމަހުގެ 8ވަނަ ދުވަހުގެ އިރުއޮއްސި 18:45 ގައިކަމަށެވެ.

ނިއުޝާ ވިދާޅުވީ މިޖަލްސާއަށް ދައުލަތުގެ ވަޒީރުންނާއި ރާއްޖެ ޤާއިމްވެތިބޭ ސަފީރުންނަށް ދަޢުވަތު އަރުވާނެކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެޑައިގަތުމަށްފަހު މިސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށެވެ. މިދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7އިން 8އަށެވެ.

މޯދީ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް އެމް.ޑީ.ޕީގެ އިތުރުން މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މްބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެކެވެ. މީގެ ކުރީން މޯދީ ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޚައްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށެވެ.