ޚަބަރު

ސިފްކޯ ހިޔާގެ މަސައްކަތް ހަވާލުކުރި ކުންފުނިން ދައްކަންޖެހޭ ފައިސާ އަނބުރާ ހޯދަން އޭސީސީން އަންގައިފި


ސިފައިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހައުސިން މަޝްރުޢު، "ސިފްކޯ ހިޔާ"ގެ 300 ފްލެޓް ޢިމާރާތްކުރުމުގެ ޕްރޮޖެކްޓް މަސަކަތް ޙަވާލުކުރި ކުންފުނިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އަށް ލިބެންޖެހޭ ފައިސާ ޝަރީއަތަށް ހުށައަޅައިގެން އަނބުރާ ހޯދުމަށް އޭސީސީން "ސިފްކޯއަށް އަންގަވައިފިއެވެ.

ސިފައިންގެ ފްލެޓް ޕްރޮޖެކްޓާ ގުޅޭގޮތުން އޭ.ސީ.ސީން ތަޙްޤީޤުކޮށްފައިވާ މައްސަލައާގުޅިގެން އެކޮމިޝަނުން ވިދާޅުވީ، ސިފްކޯ ހިޔާ ފްލެޓްގެ މަސައްކަތް ފުރަތަމަ ޙަވާލުކުރި ފްރައިވެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓަރމިނޭޝަން އެގްރީމެންޓްގެ ދަށުން، އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ދީފައިވާ ތިން "ޕޯސްޓް ޑޭޓެޑް ޗެކް" ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ "ނުވަދިހަ ދެ މިލިއަން ފަސް ސަތޭކަ ހަތްދި ހަ ހާސް ހަ ސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް" ރުފިޔާ އުނބުރާ ލިބިފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް ސިފްކޯއަށް އަންގާފައި ވާނެކަމަށެވެ.

އޭސީސީން މިމައްސަލަ ތަޙުޤީޤުކުރި ކުރުމަށްފަހު ވިދާޅުވީ "ސިފްކޯ ހިޔާ"ގެ 300 ފްލެޓްގެ މަޝްރުޢުގެ މަސައްކަތް ހަވާލުކުރުމަށް ކުރި އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ (ހަސަތޭކަ ތިރީސް އަށް މިލިއަން އެއްސަތޭކަ ދިހަހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާ ކަމަށާއި، އެ އެއްބަސްވުމުގައިވާގޮތުން އެ ފައިސާގެ ތެރެއިން ސާޅީސް އިންސައްތަ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭއިރު، އެސާޅީސް އިންސައްތައިގެ ތެރެއިން ސޯޅަ އިންސައްތަ ފައިސާ ހޯދާނީ ފްލެޓް ތަކުގައި ހަދާ ކޮމާޝަލް ލޮޓްތައް ވިއްކައިގެންކަމަށް ވަނީ ހާމަކުރައްވާފައެވެ.

އަދި އޭގެ ސައްބީސް އިންސައްތަ ފައިސާ ދައްކާނީ ގަވަރމެންޓް ސަބްސިޑީގެ ގޮތުގައި ކަމަށާއި، ހަތަރެއް އިންސައްތަ ފައިސާ ދައްކާނީ ސިފްކޯއިން ސައުވީސް މަހަށް ބަހާލައިގެން ކަމަށް ބަޔާންކޮށްފައިވާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ. މިއާއެކު ބާކީ ފައިސާ ސިފްކޯއިން މަސަކަތް ޙަވާލުވި ކުންފުނިން ދައްކާނީ "އެންޑް ޔޫޒަރ" ފައިނޭންސް އުސޫލުން ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށްފަހު "ފިކްސްޑް އިންސްޓޯލްމެންޓް"އެއްގެ ގޮތުގައި ތިރީސް އަހަރަށް ބަހާލައިގެންކަން އޭސީސީންވަނީ ފާހަގަކުރައްވާފައެވެ.

ފްލެޓްތަކުގެ މަސަކަތް ޙަވާލުކުރި އެއްބަސްވުމުގެ ދަށުން ސިފްކޯއިން (ސަތޭކަ ފަންސަވީސް ހާސް ނުވަސަތޭކަ ތިރީސް އަށްހާސް ހަތްދިހަ ނުވަ) ރުފިޔާ މަސަކަތް ޙަވާލުވި ކުންފުންޏަށް ދައްކާފައިވާކަން އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ. އެއީ، ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުން ދައްކާފައިވާ (ދިހަ މިލިއަން ހަސަތޭކަ ތިރީސް ފަސްހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ (ސަތޭކަ ފަނަރަހާސް ތިންސަތޭކަ ދެހާސް ހަތްދިހަ ނުވަ) ރުފިޔާއެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީގެ 2014ވަނަ އަހަރުގެ ބަޖެޓުން ހަތްދިހަ މިލިއަން ތިންސަތޭކަ ދެހާހަށްވުރެ ގިނަ ރުފިޔާއާއި، އެމިނިސްޓްރީގެ 2015ވަނަ އަހަރުގެ ބަޖެޓުން ސާޅީސްފަސް މިލިއަން ރުފިޔާ ސިފްކޯ ހިޔާގެ 300 ފްލެޓުގެ މަޝްރޫޢަށް ޚަރަދުކޮށްފައިވާކަން އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

ސިފްކޯހިޔާގެ މަސައްކަތް އޭރު ހަވާލުކުރި ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީ، 27 ޖަނަވަރީ 2016 ގައި އެ އެގްރީމެންޓް ބާތިލުކޮށް ޓާމިނޭޝަން އެގްރީމެންޓެއް ހަދާފައިވާއިރު، އެ އެގްރީމެންޓް ބާޠިލުކުރުމާހަމައަށް އެކުންފުންޏަށް ސިފްކޯއިން ދައްކާފައިވާ ފައިސާގެ ތެރެއިން އެހާތަނަށް އެކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ ފައިސާ އުނިކުރުމުން ބާކީވާ ނުވަދިހަ ދެ މިލިއަން ފަސްސަތޭކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން، "ޕޯސްޓް ޑޭޓެޑް ޗެކް" މަސައްކަތް ޙަވާލުވި ކުންފުނިން ހުށަހަޅާފައިވެއެވެ.

ނަމަވެސް، އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާއިރު، އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާކަންވެސް ތަހުޤީޤަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ޗެކް ބައުންސްގެ މައްސަލަ ހުށަހެޅުމާއި، އެ ފައިސާ ހޯދުމަށް އެޓަރނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާކަންވެސް ފާހަގަކުރުރައްވާފައިވެއެވެ.
މަސައްކަތް ޙަވާލުވި ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ ނުވަދިހަ ދެމިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުޏާ ޙަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާ ގުޅިގެން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން ސެޓްއޮފް ކުރުމުގައި އިއުތިރާޒް ނުކުރާކަމަށް ބަޔާންކޮށް އެކުންފުނީގެ ފަރާތުން ސިޓީއެއް ސިފްކޯއަށް ފޮނުވާފައިވާކަމްވެސް އޭސީސީން ފާހަގަކުރައްވައެވެ.

ސިފްކޯއަށް ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިނުވާތީ، ދިވެހި ސަރުކާރުގެ އެއްވެސް އެހެންޕްރޮޖެކްޓަކާ ގުޅިގެން، ސިފްކޯ ހިޔާގެ މަޝްރުޢު ޙަވާލުކުރި ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ، އެކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ ނުވަދިހަދެމިލިއަން ފަސްސަތޭކަ ހަތްދިހަ ހާސް ހަ ސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް ރުފިޔާ އުނިކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށްވެސް އޭސީސީން މިހާރުވަނީ ވަނީ އަންގާފައެވެ.

އެއާއެކު ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއެއް ނުވާނަމަ، (ނުވަދިހަ ދެމިލިއަން ފަސްސަތޭކަ ހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ ހޯދުމަށް، ޝަރީޢަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް އޭ.ސީ.ސީން ވަނީ ސިފްކޯއަށް އަންގަވާފައެވެ.

ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ނޫމަޑި ރިޒޯޓް އެންޑް ރެޒިޑެންޓްސް އާއި ހަވާލުކޮށްގެންނެވެ. ނަމަވެސް ތަފާތު މައްސަލަތަކާހެދި އެ ފްލެޓްތަކުގެ މަސައްކަތް ނުނިމި މިއަދާހަމައަށް ދިގުލައިގެން ގޮސްފައިވާއިރު، މި ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުތެރޭ އެފްލެޓްތަކުގައި ދިރިއުޅެވޭވަރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.