ރިޕޯޓް

ޗުއްޓީއަށް ފުރަނީތަ؟ މިކަންކަމަށް ސަމާލުވޭ!


ޢީދު ބަންދުތަކާއި، ޗުއްޓީތަކާ ދިމާކޮށް އާއިލާގެ މީހުންނާއި އެކުވެރިންނާއެކު ޗުއްޓީއަށް ދިއުން މިއީ ދިވެހިންގެ ތެރޭގައިވެސް މިހާރު އާއްމުކަމެކެވެ. އެއްބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ކައިރި ރަށްރަށް ޚިޔާރުކުރާއިރު، އަނެއްބަޔަކު ރިސޯޓެއް ނުވަތަ ރާއްޖޭން ބޭރުގެ މަންޒިލެއްވެސް ޚިޔާރުކުރެއެވެ. ވަކިން ޙާއްސަކޮށް ޢީދު ބަންދެއްނަމަ، އެންމެ ގަދަޔަށް ޢީދު ފާހަގަކޮށް އުޅެނީ ކޮންކޮން ރަށެއްގައިތޯ ބަލައި އެރަށަކަށް ދިއުން މިއީ ޒަމާނުއްސުރެއް ދިވެހިން ކޮށް އުޅޭކަމެކެވެ.

ޗުއްޓީ ދުވަސްވަރު އެއްރަށުން އަނެއްރަށަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާއިރު، ޗުއްޓީ ދުވަސްވަރު އެހެން ދުވަސްތަކާ ޚިލާފަށް ވައްކަމުގެ މައްސަލަތައްވެސް އިތުރުވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުންވެސް ދައްކައެވެ. އެހެންކަމުން ޗުއްޓީއަށް ރަށުން ބޭރަށް ފުރައިގެންދާއިރު ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް މޫސުމަށް ސަމާލުވާށެވެ. ފިތުރު ޢީދު ބަންދު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރާއިކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ވަކިން ޙާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދުން މުހިއްމެވެ.

ދެން އޮތީ ތިމާވެ މުދަލާއި ގޯތިގެދޮރުގެ ސަލާމަތާމެދު ރައްކާތެރިވުމެވެ. ތިމާ ދިރިއުޅޭ ގޭގެ ދޮރުތަކާއި ކުޑަދޮރުތައްހުރީ ރަނގަޅަށް ބަންދުކޮށް، ތަޅުލެވިފައިތޯ ޗެކްކުރާށެވެ. އެންމެ ފަހަރަކުން މިކަން ފުއްދާނުލައި ތިން ހަތަރު ފަހަރަށްވެސް ޗެކްކުރާށެވެ. ގޭގައި ސީސީ ޓީވީ ކެމެރާ ހަރުކޮށްފައިވާނަމަ، އެ ކެމެރާތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބަލަންވާނެއެވެ. އިތުބާރު ހިފޭ އާއިލާގެ މެންބަރަކާއި ނުވަތަ އަވަށްޓެރިއަކަށް ގޭތެރެ ބެލެހެއްޓުމަށް ހަވާލުކުރުން މިއީވެސް ކުރެވިދާނެކަމެކެވެ. ހިނގާފާނެ އަލިފާނުގެ ޙާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ފުރައިގެން ދިއުމުގެ ކުރިން ކަރަންޓު އާލާތްތައް ހުރީ ނިއްވާލެވިފައިތޯ ޔަޤީންކުރަންވާނެއެވެ. ހަމައެހެންމެ ގިނަ ޢަދަދެއްގެ ފައިސާ ގޭގައި ރައްކާކޮށްފައިވާނަމަ، އެންމެ ބުއްދިވެރިގޮތަކީ އެފައިސާ ބޭންކަށް ޖަމާކުރުމެވެ.

ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިސްމާޢީލް ވިދާޅުވީ، ޗުއްޓީތަކާ ދިމާކޮށް އަވަސް އަރުވާލައިގެން ތަންތަނަށް ފުރައިގެންދާއިރު، ތިމާގެ އަގުބޮޑެތި މުދާ ހުރީ ރައްކާކުރެވިފައިތޯ ބެލުން މިއީ ގިނަ މީހުންގެ ހަނދާނުން ކައްސާލައިގެންދާ ކަމެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ގޯތިގެދޮރު ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބެލުން މުހިއްމުކަމަށެވެ.

ޗުއްޓީއަށް ފުރައިގެންދިއުމުގެ ކުރިން ސައިކަލު ނުވަތަ ކާރު ފަދަ އުޅަނދެއް ގެންގުޅޭނަމަ، ތިމާވެ ވެހިކަލް ޕާކުކުރެވިފައިހުރީ ޤަވާއިދާ އެއްގޮތަކަށްތޯކަން ޔަޤީން ކުރަންވާނެއެވެ. ހަމައެހެންމެ ހުންގާނު ހުރީ ރަނގަޅަށް ތަޅުލެވިފައިތޯއާއި ޝަޓަރ ރަނގަޅަށް ލޮކްކުރެވިފައިތޯ ހުރީ ބެލުންވެސް މުހިއްމެވެ. މީގެ އިތުރުން މީހުން ދިރިނޫޅޭ ގެއެއްގައި ޝައްކުކުރެވޭ ޒާތުގެ ކަމެއް ހިންގާކަން ފާހަގަކުރެވޭނަމަ، ލަސްނުކޮށް 119އަށް ގުޅައި ފުލުހުންނަށް ރިޕޯޓްކުރުން މިއީ އަވަށްޓެރިންގެވެސް ޒިންމާއެކެވެ.

މިއީ ވަރަށްވެސް އާދައިގެ ކަންކަމެވެ. ނަމަވެސް ރައްކާވެތިބިއްޔާ ދަތުރޭ ބުނާ އުޞޫލުން މިދެންނެވި ކަންކަމަށް ސަމާލުކަން ދިނުމަކީ ތިމާގެ އަގުބޮޑެތި މުދާ ސަލާމަތްކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. އެތަކެއް ދުވަހެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ މުދާ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބީވެދާކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނޭދޭނެކަން ޔަޤީނެވެ.