ޚަބަރު

ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓް ހުޅުވައިފި


ރެސިޑެންސް މޯލްޑިވްސް އިން ހުވަދު އަތޮޅު އުތުރުބުރީ ދިގުރަށުގައި ތަރައްޤީކޮށްފައިވާ ރިސޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ރިސޯޓް ހުޅުވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ހުވަދު އަތޮޅުގައި މިހާތަނަށް ތަރައްޤީކޮށްފައިވާ އެންމެ ބޮޑު ރިސޯޓުގެ ގޮތުގައި ދިގުރަށް ރިސޯޓު ފާހަގަކުރެވޭ އިރު، އެ ރިސޯޓު އޮންނަނީ އެރަށާ ކައިރީގައި ރެޒިޑެންސް މޯލްޑިވްސްގެ ފަރާތުން ހުޅުވާފައިވާ ދަ ރެސިޑެންސް މޯލްޑިވްސް އެޓް ފަޅުމާފުށީ ރިސޯޓާއި އެއް ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވާލާފައެވެ.

ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓުގައި 173 ވިލާ ހުންނަ އިރު ކޮންމެ ވިލާއެއްގައި ޕޫލެއް ހިމެނެއެވެ.

މި ރިސޯޓުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެތެރޭގައި 42 މީޓަރުގެ އިންފިނިޓީ ޕޫލާއި، ޑައިވްސް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރާއި، ރިސޯޓުގެ ކޮންމެ ރޫމަކަށް ދެ ބައިސްކަލް ކަނޑައަޅާފައިވުން ހިމެނެއެވެ.

ދަ ރެޒިޑެންސް މޯލްޑިވްސް ދިގުރަށަށް މުވައްޒަފުން ހޯދުމަށްޓަކައި މީގެކުރިން ވަނީ، މާލެއާއި އައްޑޫ ސިޓީ އަދި ހުވަދު އަތޮޅުގައި އޯޕަންޑޭތަކެއް ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ އިތުރުން ސެނިޒާރޯއިން ދަނީ އިންޑޮނޭޝިއާ، މޮރިޝަސް، ޓިއުނީޝިއާ އަދި ޒަންޒިބާރުގައިވެސް ރިސޯޓުތައް އޮޕަރޭޓްކުރަމުންނެވެ.