ވިޔަފާރި

ވަރު - ބައި އެޓްމޮސްފިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަ ފައިވް ސްޓަރ ވަރު - ބައި އެޓްމޮސްފިއާ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.

މި އޯޕަންޑޭ އޮންނާނީ މިމަހުގެ 15 ވާ ހޮނިހިރު ދުވަހު ހެނދުނު 11 އިން އިރުއޮއްސި 6 އަށް މާގިރި ހޮޓެލްގައެވެ. މިއީ ވޯކް އިން އިންޓަވިއުއެއްކަމަށް އެ ރިސޯޓުން ބުނެއެވެ. ޝައުގުވެރިވާ ފަރާތްތަކުގެ ސީވީ އެރިސޯޓުގެ މެއިލްއަށް މިމަހުގެ 6 ގެ ކުރިން ހުށައެޅުމަށް އެ ރިސޯޓުން އެދެއެވެ.

އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓުން ރާއްޖޭގައި ތަރައްޤީކުރާ "ދަ ފައިވް ސްޓަރ ވަރު - ބައި އެޓްމޮސްފިއާ" ރިސޯޓު ހުޅުވުމަށް ތައްޔާރުވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މާލެ އަތޮޅުގެ ހުޅަނގު އުތުރުން ތަރައްޤީކޮށްފައިވާ މިރިސޯޓަކީ 108 ވިލާއާއެކު ކޮންމެ ވިލާއެއްގައި ޕޫލެއް ހިމެނޭ ގޮތަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 39 ބީޗް ވިލާއާއި 69 ވޯޓަރ ވިލާ ހިމެނޭއިރު ވިލާތައް ފަރުމާކޮށްފައި ވަނީ ދިވެހި ޘަޤާފަތް ދައްކުވައިދޭ ގޮތަކަށެވެ.

ވިލާތަކުގެ އިތުރުން ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި ޑައިވް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރަކާއި، ސްޕާ އަދި ޖިމްނާސިއަމްއެއްގެ އިތުރުން ކުޑަކުދިން މުނިފޫހިފިލުވުމަށްޓަކައި ޚާއްސަ "ކިޑްސް ކްލަބެއް" ވެސް މި ރިސޯޓުގައި ފަރުމާކޮށްފައިވެއެވެ. މި ރިސޯޓަކީ ގިނަ ބާވަތުގެ މަސްމަހާއި މެހި، ވަކިން ޚާއްސަކޮށް މަންތާ ރޭ އާލާވާ ސަރަޙައްދަކަށްވުމާއެކު މިއީ ސްނޯކްލިންގ އަދި ޑައިވިންގ ތަޖުރިބާކޮށްލުމަށް ރަނގަޅު ސަރަޙައްދެއްކަމަށް ރިސޯޓު ތަރައްޤީ ފަރާތްތަކުން ބުނެއެވެ.

މި ރިސޯޓަކީ އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤިކުރާ 5 ވަނަ ރިސޯޓެވެ. އެކުންފުނިން މިހާރު ހިންގަމުންދާ ރިސޯޓުތަކަކީ އޮޒެން ބައި އެޓްމޮސްފިއަރ މާދޫ، "އެޓްމޮސްފިއާ ކަނިފުށި" ރިސޯޓާއި "އޮބްލޫ ސިލެކްޓް އެޓް ސަންގެލި" ރިސޯޓާއި "އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި" ރިސޯޓެވެ.

އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ 2013 ވަނަ އަހަރު ރިސޯޓު ވިޔަފާރީގެ ދާއިރާއަށް ތަޢާރަފްވި ދިވެހިރާއްޖޭގެ ބްރޭންޑެކެވެ.