ޚަބަރު

މާދާމާ ހަވީރުން ފެށިގެން 72 ގަޑިއިރަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފި


ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ނެރެފައިވާ މޫސުމާބެހޭ ޚަބަރުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން ދާތީ ޖޫން 3ވަނަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ.
މޫސޫމާބެހޭ ޤައުމީ އިިދާރާއިން ބުނީ މިވިއްސާރާގައި ޢާންމު ގޮތެއްގައި ވައި ގަދަވާނެކަމަށް ލަފާކުރެވެނީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށްކަމަށެވެ. އަދި ވައިޖެހޭނެކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެއިދާރާއިން ބުނީ މާދަމާ ހަވީރުން ފެށިގެން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވެ، މެދުތެރެއާއި އުތުރުގެކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ވިލާގަނޑުގައިކަމަށާއި، އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތް ތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.