ޚަބަރު

ރައީސްގެ ދެކަނބަލުން ޢީދު ސަލާމްކުރެއްވުން މުލީއާގޭގައި


އަންނަ ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:30އިން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގޭގައެވެ.

ފިތުރު ޢީދު ދުވަހު ބާއްވާ ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ ޢަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެންދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ.

ޢީދު ސަލާން ކުރުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ޙުސައިން މުޙައްމަދު ހިނގުމުންކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވިއެވެ.