ޚަބަރު

ރިޕޯޓް: ނޭޕާލުގައި ތިބި ދިވެހިންގެ ހާލަތު

ނޭޕާލަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެޤައުމަށް
ކުރިމަތިވެފައިވާ ހިތްދަތި ކަމުގެ އަސަރު ކަތަމަންޑޫގައި ތިބި ދިވެހިން ދަނީ
ތަޙައްމަލްކުރަމުންނެވެ. ހަމައެއާއެކު އިންސާނީ ޚިދްމަތުގައިވެސް ދިވެހި
ކިޔަވާކުދިން ދަނީ ޙަރަކާތްތެރިވަމުންނެވެ.ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނޭޕާލަށް ބިންހެލުން
އައުމާއެކީގައި ކަތަމަންޑޫގައި ތިބި ދިވެހި ކިޔަވާކުދިންވަނީ އެއްތަނަކަށް ޖަމާވެ
އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާންފަށާފައެވެ. އެމްބީސީ ނިއުސްއަށް
މަޢްލޫމާތު ދެމުން ކަތުމަންޑޫގައި ތަޢްލީމް ޙާސިލްކުރަމުންދާ ޑރ. ފާޠިމަތު
މުފްލިޙާ ބުނީ މިއީ މިކަހަލަ ބިންހެލުމެއް ތަޖުރިބާކުރެވުނު ފުރަތަމަ
ފަހަރުކަމަށާއި ބިންހެލުން އައިވަގުތު ވަރަށް ބޮޑަށް ބިރުވެރިކަން އިޙްސާސް ކުރެވުނުމުކަމަށެވެ.
ކަތަމަންޑޫގައި،
ސިއްޙީ ދާއިރާއިން މަތީ ތަޢްލީމް ޙާސިލްކުރަމުންދާ ދަރިވަރުންނާއި އެކުދިންގެ
ޢާއިލާތަކާއެކު 50 ހަކަށް ދިވެހިން އުޅެއެވެ. މުފްލިޙާ ބުނީ އެވަގުތުން
ފެށިގެންވެސް އެންމެން ތިބީ ކަތަމަންޑޫ ޕޮލިސް އެކަޑަމީ ސްޓޭޑިއަމްގައި ކަމަށެވެ.ހޮނިހިރު ދުވަހުގެ ބިންހެލުމަށްފަހު ކަތަމަންޑޫއަށް ދޭތެރެދޭތެރެއިން
އަންނަނީ އިތުރު ލޮޅުންތައް އަންނަމުންނެވެ. އެގޮތުން މިއަދު މެންދުރު ދޭއްޖަހާ
އެހާކަންހާއިރު ވަރަށް ބާރުގަދަ ލޮޅުމެއް އައި ކަމަށް މުފްލިޙާބުންޏެވެ. އާދީއްތަ
ދުވަހު 6.5  ގެ ބާރު މިނުގެ ގުޑުމެއް
އައިސްފައިވެއެވެ. ކަތަމަންޑޫގެ ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ. ދަތުރުފަތުރު  ކުރެވޭނެ ގޮތެއް ނެތެވެ. އަދި ކަރަންޓާއި
ފެނުގެ ޚިދްމަތެއްވެސް ނެތެވެ. އެހެންކަމުން ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން
އުޅޭ ދިވެހިންނަށް މިކަމުގައި ދަތިތަކެއް ހުރިކަން މުފްލިޙާ ފާހަގަ ކުރިއެވެ.އެމްބީސީ ނިއުސްއަށް މަޢްލޫމާތު ދެމުން ޕޮކާރާގައި ހުރި ދިވެހި
ކިޔަވާކުއްޖެއް ކަމަށްވާ މުއުތަސިމް ބުނީ ޕޯކްރާގައިވެސް 25 ދިވެހިން އެބަތިބި
ކަމަށެވެ. އެމީހުންނަކީ މެޑިސިން ހަދަމުންދާ ކުދިން ކަމަށާއި ލޮޅުންތައް
އަންނަމުން ދިއުމުގެ ސަބަބުން އެ އެންމެންވެސް ތިބީ ކޮލެޖްގެ ބާސްކެޓްބޯލް
ފީލްޑްގައި ކަމަށެވެ.ކަތަމަންޑޫއާ ދުއިސައެއްހާ ކިލޯ މީޓަރު ދުރުގައި އޮންނަ ޕޯކްރާއަށް މި
ބިންހެލުމުގައި ލިބިފައިވާ ގެއްލުންތައް ކުޑަ ނަމަވެސް ބިންހެލުން އައިވަގުތު
މުއުތަސިމް ސިފަކޮށްދިނެވެ.ނޭޕާލަކީ ގިނަ ޢަދަދެއްގެ ދިވެހިން ސިއްޙީ ދާއިރާއިން މަތީ ތަޢްލީމް ޙާސިލް
ކޮށްފައިވާ ޤައުމެކެވެ. އަދި މިހާރުވެސް 100 އާ ގާތްކުރާ ޢަދަދަކަށް ދިވެހި
ކިޔަވާކުދިން މެޑިސިންއާއި އެކިދާއިރާތަކުން ސްޕެޝަލައިޒްވުމަށް ކިޔަވަންގޮސް
އެބަތިއްބެވެ. އެގޮތުން ދިވެހި ކިޔަވާކުދިންވެސް ކަތަމަންޑޫގެ ދެ ހޮސްޕިޓަލެއްގައި
އިންސާނީ ޚިދްމަތް ފޯރުކޮށްދެމުންދާ ކަމަށް ނޭޕާލްގައި ތިބި ދިވެހި ކިޔަވާކުދިން
އެމްބީސީއަށް މަޢްލޫމާތުދިނެވެ. ނޭޕާލަށް ކުރިމަތިވި މި ގުދުރަތީ ކާރިސާގައި
މިހާތަނަށް މަރުވި މީހުންގެ ޢަދަދު ދެހާހަށް އަރާފައިވާއިރު ހުރިހާ ދިވެހިންވެސް
ތިބީ ހެޔޮޙާލުގައެވެ.ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ހޮނިހިރު ދުވަހު އެމްބީސީއާއި ވާހަކަފުޅު
ދައްކަވަމުން ވިދާޅުވެފައިވަނީ ނޭޕާލްގައި ތިބި ދިވެހި އާއިލާތަކުގެ ކަންކަން
ސަރުކާރުން ވަރަށް ގާތުން ބައްލަމުންދާކަމަށެވެ.