ވިޔަފާރި

އިންޑިއާއަށް ދީފައިވާ ވިޔަފާރީގެ ބައެއް އިނާޔަތްތައް އެމެރިކާއިން ކަނޑާލައިފި


އެމެރިކާއިން އިންޑިއާއަށް ދީފައިވާ ވިޔަފާރީގެ ބައެއް އިނާޔަތްތައް ކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެމެރިކާއިން އިންޑިއާއަށް ދީފައިވާ އިނާޔަތްތަކުގެ ތެރެއިން ކަނޑާލުމަށް ނިންމި އިނާޔަތަކީ، ޑިއުޓީ ނުދައްކާ ބައެއް މުދާ އެމެރިކާއަށް އެތެރެކުރެވޭ ގޮތަށް އޮންނަ އޮތުމެވެ. މިއުސޫލުގެ ދަށުން ދެކުނު އޭޝިޔާގެ ޤައުމުތަކުން ޑިއުޓީ ނުދައްކާ 5.6 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އެތެރެކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އެންމެ ބޮޑު މަންފާ ކުރާ ޤައުމަކީ އިންޑިއާކަމަށްވާއިރު، އެޕްރޮގްރާމްގެ ދަށުން އިންޑިއާއަށް ލިބެމުންދާ އިނާޔަތްތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ކެނޑިގެންދާނެކަމަށް އެމެރިކާ ސަރުކާރުން ވަނީ މިހާރު އަންގާފައެވެ.

އެމެރިކާއިން މިގޮތަށް އަމަލުކުރަން ނިންމީ، އިންޑިއާގެ އިޤްތިޞާދުގެ ތެރެއިން އެމެރިކާއަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ނުވުމުންކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ބުނީ މިކަމުގެ ސަބަބުން އިންޑިއާގެ އިޤްތިޞާދަށް މާބޮޑު އަސަރެއް ނުކުރާނެކަމަށެވެ. ނަމަވެސް އެމެރިކާގެ ނިމުން އައިސްފައި މިވަނީ އިންޑިއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތްވެސް އިންޑިއާގައި މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާއަށް ދީފައިވާ ބައެއް އިނާޔަތްތައް އެމެރިކާއިން ކަނޑާލައިފިނަމަ، އެކަމުގެ ރައްދެއްގެ ގޮތުގައި އެމެރިކާއިން އެތެރެކުރާ 20 ބާވަތެއްގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރާނެކަމަށް އިންޑިއާގެ އޮފިޝަލުން މީގެ ކުރިން ވަނީ ބުނެފައެވެ.