ރިޕޯޓް

އިންޑަސްޓްރިއަލް ވިލެޖް - ކުނިބުނިން ފުރި ބޮޑު "ޖަންކްޔާރޑަކަށް!"


މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަކީ ތޮއްޖެހިފައިވާ މާލޭ ތެރޭގައި ހިނގާފާނެ ނުރައްކާތެރި ޙާދިސާތައް މަދުކުރުމަށްޓަކާ މާލޭގެ އެކި ސަރަޙައްދުތަކުގައި އެކިކަހަލަ ސިނާޢީ މަސައްކަތްތައް ކުރާ ތަންތަން އެކަހެރި ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި ތަރައްޤީކުރަން ފަށާފައިވާ ސަރަޙައްދެކެވެ. 2016 ވަނަ އަހަރު ފެށި މި މަސައްކަތުގެ ދަށުން މާލޭ ހުޅަނގު ދެކުނު ފަރާތު މޫދުން 6.9 ހެކްޓަރުގެ ބިން ހިއްކާ ނިންމާ، ރިވެޓްމަންޓް ޖެހުމާއި މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

250 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ސަރަޙައްދަށް މާލެތެރޭގައި ހުރި އެކިކަހަލަ ގުދަންތަކާއި، ގަރާޖްތަކާއި، ވާރކްޝޮޕްފަދަ ތަންތަން ބަދަލުކުރާނެކަމަށް އޭރު ސަރުކާރުން ބުނި ނަމަވެސް މިއަދު އެ ސަރަޙައްދުން ފެންނަ މަންޒަރު މުޅިން ތަފާތެވެ.

ސިނާޢީ މަސައްކަތްކުރުމުގެ ބަދަލުގައި މުޅިތަން ކުނިބުނިން ފުރިފައި!

ސިނާޢީ މަސައްކަތްތައް ކުރުމަށް ޙާއްސަކޮށްފައިވާ މި ސަރަޙައްދުން މިހާރު ފެންނަނީ އެކިޒާތުގެ ކުންޏާއި، ބައު ތަގަނޑާއި، ހަލާކުވެފައިވާ ވެހިކަލްތަކުން ފުރެމުންދާ މަންޒަރެވެ. ބޮޑެތި ތެޔޮ ބައުޒަރުތަކާއި، ހެވީ ވެހިކަލްތައް ޕާކުކުރާ ހާއްޔަކަށްވެފައެވެ. ބައެއް ދިމަ ދިމާލުގައި އެއްވެސް ތަރުތީބެއް ނެތިވެސް ވެހިކަލްތައް ޕާކުކޮށްފައި އެބަހުއްޓެވެ. މަދިރި އާލާވާފަދަ ތަންތަންވެސް އެބަހުއްޓެވެ.

ސިނާޢީ އެކިކަހަލަ މަސައްކަތްތައް ކުރުމަށް ބައެއް ކުންފުނިތަކަށް އިންޑަސްޓްރިއަލް ވިލެޖުން ބިން ދޫކޮށްފައިވީނަމަވެސް، ގިނަ ބިންތައް ފެންނަނީ ކުނިބުނި ޖަމާކުރާ ތަނެއްގެ ގޮތުގައެވެ. ތެޔޮ ހުސްކުރި ފީފާތަކާއި، ގޭތެރޭ ހިފާގެންގުޅޭ ސާމާނާއި، ކޮސްޓްރަކްޝަން ސައިޓްތަކުން އުކާލާ ކުނިތައްވެސް އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ޖަމާކޮށްފައި އެބަހުއްޓެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ސިނާޢީ މަސައްކަތްތައް ކުރުމަށް ޙާއްސަކޮށްފައިވާ ސަރަޙައްދުގައި އެމަސައްކަތްތައް ނުފެށި ލަސްވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އަދި ދެތިން ފަހަރެއްގެ މަތިން އެ ސަރަހައްދު ސާފުކުރުމަށް މަސައްކަތްކޮށްފައިވާކަމަށާއި، ޕްލޭނިންގ މިނިސްޓްރީއަށް ސިޓީ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

"އޭރުވެސް ސިޓީ ކައުންސިލުން އުއްމީދު ކުރީ އިންޑަސްޓްރިއަލް ވިލެޖަކީ ސިނާޢީ މަސައްކަތްތައް ކުރުމަށް ޖާގަދެވޭނެ ތަނަކަށްވާނެކަމަށް. ނަމަވެސް ކުރީ ސަރުކާރުން ބޮޑެތި ބިންތައް ކުންފުނިތަކަށް ދެއްވާފައި އެވަނީ. ނަމަވެސް އެފަދަ މަސައްކަތްތައް ކުރާތަނެއްގެ ބަދަލުގައި އެތަން ބޮޑު ޖަންކް ޔާރޑެއްގެ ގޮތުގައި މިހާރު އެހުރީ. އަޅުގަނޑުމެން އެތަން ދެތިން ފަހަރަކު ސާފުކުރަން މަސައްކަތްވެސް ކޮށްފިން. އެތާހުރި ބައެއް ބައު ދަގަނޑުތައް އުކާލަން އަޅުގަނޑުމެން ވަރަށް އަވަހަށް އިޢުލާންވެސް ކުރާނަން" މޭޔަރު ސިފާ ވިދާޅުވިއެވެ.

މަސައްކަތް މަޑުޖައްސާލާ، އަލުން ރީ-ޕްލޭން ކުރަނީ!

މާލެތެރޭގައި ހުރި ގަރާޖްތަކާއި ވޯކްޝޮޕްފަދަ ތަންތަނުން އަޑުގަދަވުމާއި، ކީސްކުނޑި އަދި އެކިކަހަލަ ސްޕްރޭ ބޭނުންކުރާތީ އެކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބެމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން އެކަމަށް އަވަސް ހައްލެއް ގެނެއުމުގެ ގޮތުން އެފަދަ ތަންތަން ވީހާވެސް އަވަހަކަށް އެކަހެރި ހިސާބަކަށް ބަދަލުކުރުމަކީ މުހިއްމުކަމެއްކަމަށާއި، އެކަމުގެ މަޝްވަރާތައް ޕްލޭނިންގ މިނިސްޓްރީއާއެކު މިހާރު ކުރަމުންދާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.

"ވަރަށް ގިނައިން ޝަކުވާ އާދޭ އާއްމުންގެ ފަރާތުން އަޑުގަދަވުމާއި، މަގުމަތިން ހިނގާފައި ދާއިރު ކީސްކުނޑި ބުރުމާއި، ބައެއް ކަހަލަ ސްޕްރޭތަކުގެ ސަބަބުން އުނދަގޫވެގެން. އެހެންވީމަ އެފަދަ ތަންތަން އެބަޖެހޭ ކޮންމެހެންވެސް ވަކިކުރަން." މޭޔަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެފައިވަނީ މިވަގުތު އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާކަމަށެވެ. އަދި އެ މަޝްރޫޢު މަޑުޖައްސާލާފައި ވަނީ އިންޑަސްޓްރިއަލް ވިލެޖްގެ ޕްލޭނަށް ބަދަލުގެނެސް އަލުން ރީ-ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށް ދާތީކަމަށެވެ. އެ މަސައްކަތް ނިމުމުން، އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކޮށް ކުއްޔައްދިނުމުގެ ޕްލޭނާއި، އިންޑަސްޓްރިއަލް ވިލެޖު ކުއްޔައް ދޫކުރާ ބިންތައް ބޭނުންކުރާނެ ގޮތާއި، ޕޮލޮޓްތަކުގެ އަދަދު ހާމަކުރާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.