ޚަބަރު

އުރުނު ތެޔޮ ބާޖުން ތެޔޮ ހުސްކުރުުމުގެ މަސައްކަތް ކުރަނީ


ކ. ކާށިދޫ ހުޅަނގު ފަރާތު ނެރުކައްޓަށް އުރުނު ތެޔޮ ބާޖުން ތެޔޮ ހުސްކުރުުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނެފިއެވެ.

ދިގުމިނުގައި 100 ފޫޓު ހުރި ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މި ތެޔޮ ބާޖު ކާށިދޫ ނެރުކައްޓަށް އުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ ބުދަދުވަހުގެ އިރުއޮއްސި ހަގަޑި ސާޅީސް ހަތަރެއްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. "މާތޮޅި" ނަމަކަށްކިޔާ މި ތެޔޮ ބާޖުގައި ދަތުރު ފެށިއިރު 27 ހާސް ލީޓަރ ޕެޓްރޯލާއި 180 ހާސް ލީޓަރު ޑީސަލް ބަރުކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެހެންނަމަވެސް ތެޔޮ ބާޖު ފަރަށް އެރުމާއެކު، ބާޖު ފުންކުރުމުގެ މަސައްކަތް އެމްޕީއެލްގެ ޓަގް ބޯޓެއްގެ އެހީއާއެކު ކުރަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެެއެވެ. އެހެންނަމަވެސް، ބާޖު އުރިފައިވާ ސަރަހައްދުގެ ކަނޑު ގަދަވުމުގެ ސަބަބުން ބޯޓުން ތެޔޮ ހުސްކޮށް ލުއި ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން މިހާރުވެސް ތެޔޮ ބާޖުގައި ލައްކަ އެއްހާ ލީޓަރުގެ ތެޔޮ އެބަހުރި ކަމަށާއި، ތެޔޮ ހުސްކުރަމުން ދަނީ ދުރުގައި ބޯޓެއް ބާއްވައިގެން ހޮޅި ގުޅައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ކާށިދޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެން ދަތުރުކުރި މި ތެޔޮ ބާޖު ނެރުކައްޓަށް އެރުމުގެ ސަބަބުން އެ ބާޖަށާއި، އެބޯޓުގައި ދަތުރުކުރި 6 ދިވެހިންނަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ޑަބަލް ހަލް ޑިޒަންއަށް ހަދާފައިވާ މި ބޯޓުން ތެޔޮ ލީކްވިކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަވާ ދުވަސްވަރެއްކަމުން، މޫސުމަށް ސަމާލުވެ ސަލާމަތީ ފިޔަވަޅުތައް ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.